ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އިންޑިއާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި ބެންގަލޫރަށް ވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅުގެ ތެރެއިން މިއީ 4 ވަނަ ދުވަހެވެ. އަދި މިއީ ރަސްމީ ބައްދަލުވުންތަކުވެސް އެންމެ ފަހު ދުވަހެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަރްނާޓަކާގެ ގަވަރުނަރާ ބައްދަލުކުރައްވާނެއެވެ. އަދި ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ކުރައްވާނެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގެ ތެރެއިން އެންމެ މުހިންމު ކަމަކަށް ކުރިއަށްދާނީ އިންޑިއާ މޯލްޑިވްސް ބިޒްނަސް ފޯރަމްގައި ބައިވެރިވެވަޑައިގަތުމެވެ. ބެންގަލޫރުގައި ބާއްވާ ބިޒްނަސް ފޯރަމަކީ މި ދަތުރުފުޅުގައި ކުރިއަށްގެންދަވާ ތިންވަނަ ފޯރަމެވެ. މީގެކުރިން މި ފޯރަމް ވަނީ ނިއުދިއްލީ އަދި މުމްބާއީގައިވެސް ބާއްވާފައެވެ.
އިންޑިއާގައި ބާއްވާ ތިން ފޯރަމަކީވެސް ރާއްޖެއަށް މުހިންމު އަދި ފައިދާކުރާނެ ފޯރަމްތަކެކެވެ. ސަބަބަކީ އިންޑިއާގެ ބޮޑެތި ވިޔަފާރިތަކުގެ ވެރިންނާއި، އިންވެސްޓަރުން މި ފޯރަމްތަކުގައި ބައިވެރިވެވަޑައިގެން ރާއްޖޭގައި އިންވެސްޓްކުރުމަށް ޝަޢުގުވެރިކަން ފާޅުކުރަމުން ގެންދާތީއެވެ.
ބިޒްނަސް ފޯރަމްތަކުގައި ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ ރާއްޖޭގައި ހުރި ވިޔަފާރިއާއި އިންވެސްޓްމަންޓްުގެ ފުރުޞަތުތައް ހާމަކޮށްދެއްވަމުންނެވެ. އޭގެތެރޭގައި ޑިޖިޓަލް އިކޮނޮމީއަށް ދިއުމަށް ހުރި ފުރުޞަތުތަކާއި، މާލީ ނިޒާމު ކުރިއަރުވަން ކުރައްވާ މަސައްކަތުގައި އެ ދާއިރާއިން ހުރި ފުރުޞަތުތަކާއި ފަތުރުވެރިކަމާއި އިއާދަކުރަނިވި ހަކަތައިގެ ދާއިރާ ހިމެނެއެވެ.

