"ބްރައިޓް ވިއު" ނަމުގައި ހިންނަވަރު އަތުޖެހި އެއްވެސް އަމިއްލަ އުފެއްދުމެއް ވިއްކުމުގެ ހުއްދަ ދީފައި ނުވާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ) އިން މިއަދު ބުނެފިއެވެ.
އެފްޑީއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، "ބްރައިޓް ވިއު" ނަމުގައި ކާބޯތަކެތި ވިއްކާ ފަރާތަކީ އަމިއްލަ ދިރިއުޅުމަށްޓަކައި ކާބޯތަކެތި އުފައްދާ ވިއްކުމުގެ މަސައްކަތްކުރާ ފަރާތްތައް ދަފްތަރުކުރުމުގެ އުސޫލުގެ ދަށުން ދަފްތަރުކޮށްފައިވާ ފަރާތެއް ނޫން ކަމަށެވެ. އަދި ވިޔަފާރީގެ ގޮތުގައި ކެއިން ބުއިމުގެ އެއްވެސް އެއްޗެއް މިހާރު ވިއްކޭނީ އެކަމަށް އެދި އެފްޑީއޭއަށް ހުށަހަޅައި، އެ އޮތޯރިޓީގެ ހުއްދަ ލިބިގެން ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.
އަމިއްލަ ދިރިއުޅުމަށްޓަކައި ކާބޯތަކެތި އުފައްދާ ފަރާތްަރާތްތަކުގެ ދަފްތަރު، ދިރިތި ޕޯޓަލުންނާއި، ހެލްތް މިނިސްޓްރީގެ އިތުރުން އެފްޑީއޭގެ ވެބްސައިޓުން ފެންނަން ހުންނާނެ ކަމަށް އެފްޑީއޭއިން ބުނެފައިވެއެވެ. އަދި އެ އޮތޯރިޓީގެ އުސޫލާ ޚިލާފަށް ކާބޯތަކެތި ވިއްކަމުންދާނަމަ، އެކަން ރިޕޯޓްކުރުމަށް އާންމުންނަށް ގޮވާލާފައިވެއެވެ.
އެފްޑީއޭއިން ވަނީ އަމިއްލަ ދިރިއުޅުމަށްޓަކައި ކުރާ ކާބޯތަކެތި އުފައްދާ ވިއްކުމުގެ މަސައްކަތުގައި އަމަލު ކުރަންވީ އުސޫލެއް އެކުލަވާލާފައެވެ. މި އުސޫލުގެ ދަށުން، ކާބޯތަކެތި ތައްޔާރުކުރާ ފަރާތަކީ "ބޭސިކް ފުޑް ސޭފްޓީ ކޯސް" ފުރިހަމަކޮށްފައިވާ ފަރާތެއް ކަމުގައިވުން ނުވަތަ އެފްޑީއޭއިން ހިންގާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކޮށްފައިވުން ލާޒިމްކުރެއެވެ.
މީގެ އިތުރުން، ގޭގައި ދިރިއުޅޭ މީހުން ފިޔަވައި އިތުރު މުވައްޒަފުންނާއި މަސައްކަތު މީހުން ބޭނުން ނުކުރުމާއި، ކާބޯތަކެތި ތައްޔާރުކުރާ ވަގުތުތަކުގައި ކަމާއި ނުގުޅޭ މީހުން ބަދިގެއަށް ނުވެއްދުން ފަދަ ކަންކަން މި އުސޫލުގައި ހިމެނެއެވެ. އަދި ވަހާއި، ދުމާއި، ކުނި އަދި ގަދަ އަޑުގެ ސަބަބުން އާންމުންގެ ސިއްހަތަށް ނުރައްކާ ވެދާނެ ފަދަ މަސައްކަތަކަށް ނުވުމާއި، ފުޅާ ދާއިރާއެއްގައި ކާބޯތަކެތި އުފައްދަން ގެންގުޅޭ ފަދަ ބޮޑެތި އާލާތްތައް ބޭނުން ނުކުރުންވެސް ލާޒިމްކުރެއެވެ.
އެފްޑީއޭއިން ބުނެފައިވަނީ، މި އުސޫލުތަކާ އެއްގޮތަށް ޢަމަލުކުރުމަކީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، އާންމު ސިއްޙަތު ހިމާޔަތްކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ.
މީގެއިތުރުން، ހެދިކާ ވިއްކަން ބަހައްޓާއިރު އެތަކެތި އަޅާފައިވާ ކޮންޓެއިނަރުގައި އުފެއްދި ތަނުގެ ނަމާއި ކާބޯތަކެތި ތައްޔާރުކުރުމަށް ހުއްދަ ދޭ ފަރާތުން ތަނަށް ދޫކޮށްފައިވާ ރަޖިސްޓްރީ ނަންބަރު ލޭބަލް ކުރުމަކީވެސް މި އުސޫލުގެ ދަށުން ކުރަންޖެހޭ ކަމެކެވެ. މިއީ އުފެއްދުންތެރިޔާގެ ޒިންމާދާރުކަން އިތުރުކޮށް، ގަންނަ ފަރާތްތަކަށް އިތުބާރު އުފެއްދުމަށް އެޅޭ ފިޔަވަޅެއް ކަމަށް އެފްޑީއޭއިން ފާހަގަކޮށްފައިވެއެވެ.
އެފްޑީއޭގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އިބްރާހިމް ނިޔާޒް ވިދާޅުވީ، "އަޅުގަނޑުމެންގެ މަގުސަދަކީ ރައްޔިތުންނަށް ރައްކާތެރި އަދި ފެންވަރު ރަނގަޅު ކާބޯތަކެތި ލިބިދިނުމެވެ. މި އުސޫލުތަކަކީ އެކަން ޔަގީންކުރުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެކެވެ. އަމިއްލަ ދިރިއުޅުމަށްޓަކައި ކާބޯތަކެތި އުފައްދާ ވިއްކާ ފަރާތްތަކުން މި އުސޫލުތަކަށް ފުރިހަމައަށް އަމަލުކުރުމަކީ އަޅުގަނޑުމެންގެ އުންމީދެވެ."
އެފްޑީއޭއިން ވަނީ އާންމުންނަށް ގޮވާލާފައިވަނީ ކާބޯތަކެތި ގަންނައންނައިރު، އެ ތަކެތި އުފައްދާފައިވަނީ ހުއްދަ ލިބިފައިވާ ފަރާތަކުންތޯ ބެލުމަށާއި، ޝައްކު އުފެދޭ ހާލަތްތަކުގައި އެފްޑީއޭއަށް ރިޕޯޓުކުރުމަށެވެ. މިކަމަކީ ރާއްޖޭގެ ކާބޯތަކެތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް އެފްޑީއޭއިން ދެކެއެވެ.

