މި އަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށް ވަގު ޕާސްޕޯޓް ބޭނުންކޮށްގެން ދިވެހިރާއްޖެއަށް އެތެރެވާން މަސައްކަތްކުރި 27 މީހަކު އަތުލައިގަނެވުނު ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފިއެވެ.
އިމިގްރޭޝަނުން ދިިން މަޢުލޫމާތުގައިވާ ގޮތުން، މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ވަގު ޕާސްޕޯޓް ބޭނުންކޮށްގެން ރާއްޖެ އެތެރެވާން މަސައްކަތްކުރި 6 މީހަކު އަތުލައިގަނެވުނެވެ. ދެވަނަ ކުއާޓަރުގައި 16 މީހަކު އަދި ތިންވަނަ ކުއާޓަރުގައި 5 މީހަކު އަތުލައިގަނެވުނެވެ.
މި މުއްދަތުގައި އަތުލައިގަނެވުނު މީހުންގެ ތެރޭގައި ހިމެނެނީ ހަމައެކަނި ވަގު ޕާސްޕޯޓް ބޭނުންކުރި މީހުން އެކަންޏެއް ނޫނެވެ. އޭގެ ތެރޭގައި ވަގު އައިޑީ ބޭނުންކުރި 2 މީހަކާއި، ވަގު ބަޔޯ ޕޭޖް ބޭނުންކުރި 3 މީހަކާއި، ފެންޓަސީ ޕާސްޕޯޓް ބޭނުންކުރި އެކަކު ހިމެނެއެވެ. މީގެ އިތުރުން އިމްޕޯސްޓަރުންގެ ގޮތުގައި 5 މީހަކު ވެސް ހިމެނެއެވެ.
އިމިގްރޭޝަނުން އިތުރަށް ހާމަކުރި ގޮތުގައި، މި ފަދަ އޮޅުވާލުންތަކާއެކު ރާއްޖެއަށް އެތެރެވާން ގިނައިން މަސައްކަތް ކޮށްފައިވަނީ މެދުއިރުމަތީގެ ޤައުމުތަކުން އައި މީހުންނެވެ. މި މީހުން ޔޫރަޕަށް އެތެރެވުމަށް ރާއްޖެ ބޭނުންކުރަނީ ޓްރާންސިޓްވާ ޤައުމެއްގެ ގޮތުގައެވެ.
އިމިގްރޭޝަނުން އިތުރަށް ބުނީ، އެކި ގޮތްގޮތަށް ރާއްޖެއަށް އެތެރެވާން އުޅުނު މި 45 މީހުން، ރާއްޖެއަށް އައި ފްލައިޓްތަކުން އަނބުރާ އެ ޤައުމުތަކަށް ފޮނުވާލާފައިވާ ކަމަށެވެ.
މި ފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހުއްޓުވުމަށް އިމިގްރޭޝަނުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، މި ކަމުގައި ޢާންމު ރައްޔިތުންގެ އެއްބާރުލުން ވެސް މުހިންމު ކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ.

