ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހެއްގެ މައްސަލައެއް ސާބިތުނުވާ ކަމަށް ކުރިން ނިންމާފައި އޮއްވައި އެ މައްސަލަ އަލުން ބަލައި 15 އަހަރުގެ ހުކުމެއް ހައިކޯޓުން މިއަދު އިއްވައިފި އެވެ.
ޔޫސުފް މޫސާ ނަމަކަށް ކިޔާ މީހަކު ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ކުށްވެރިނުވާ ކަމަށް ރަށެއްގެ ކޯޓަކުން ކުރިން ނިންމާފައި އޮތުމާ ގުޅިގެން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރި އެވެ.
ހައިކޯޓުން މިއަދު އާންމުކުރި ހުރި ހުކުމުގެ ޚުލާސާގައި ބުނެފައިވަނީ ޔޫސުފް މޫސާ، 2009 އިން ފެށިގެން 2021 ވަނަ އަހަރާ ހަމައަށް ކުޑަކުއްޖާއަށް އެކި ބާވަތުގެ ޖިންސީ ގޯނާކުރި ކަމަށެވެ. އަދި ކުއްޖާގެ ސައިކޮލޮޖިކަލް ރިޕޯޓުން ދައްކާ ގޮތުގައި ކުއްޖާއަށް ނަފްސާނީ ގޮތުން އަސަރުކޮށްފައިވަނީ ޔޫސުފް މޫސާގެ ފަރާތުން ލިބުނު ޖިންސީ އަނިޔާގެ ސަބަބުންކަން އެނގޭ ކަމަށް ހައިކޯޓުން ފާހަގަކޮށްފައިވެ އެވެ.
ހައިކޯޓުގެ ހުކުމުގައި އިތުރަށް ބަޔާންކޮށްފައިވަނީ، ކުއްޖާގެ އާއިލާގައި މައްސަލަ ޖެހިފައިވަނީ ތިމާއާ ހެދިކަން ކުއްޖާއަށް ގަބޫލުކުރެވި، އެކަމާ ވިސްނައި، ކުއްޖާއާ ދޭތެރޭ މީހުން ދެކޭނެ ގޮތާމެދު ކުއްޖާ ވިސްނާކަންވެސް އެނގޭ ކަމަށެވެ.
މި ހެކިތަކުގެ މައްޗަށް ބިނާކޮށް، އިތުބާރުހިފޭ މަގާމެއްގައި ހުރެ ކުއްޖާއަށް ޖިންސީ އަމަލު ހިންގުމުގެ ކުށް ޔޫސުފް މޫސާގެ މައްޗަށް ސާބިތުވާކަމަށް ހައިކޯޓުން ނިންމައި، އޭނާއަށް 15 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވެ އެވެ.
ނަމަވެސް، ޔޫސުފް މޫސާ މިހާތަނަށް ޖަލުގައި 10 މަހާއި 20 ދުވަސް ހޭދަކޮށްފައިވާތީ، އޭނާ ޖަލުގައި ހޭދަކުރަންޖެހޭނީ 14 އަހަރާއި އެއް މަހާއި 10 ދުވަސް ކަމަށް ހައިކޯޓުން ބުނެފައިވެ އެވެ.

