ދިވެހިރާއްޖޭގެ މުސްތަޤުބަލަށް ބޭނުންވާ ދެމެހެއްޓެނިވި އަދި ޑިޖިޓަލް ހައްލުތައް ހޯދުމުގައި ދިވެހިރާއްޖެއާއި އިންޑިއާއިން އެކުގައި މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވާހަކަފުޅުދައްކަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިއަދު ބެންގަލޫރުގައި ބޭއްވެވި އިންޑިއާ-މޯލްޑިވްސް ބިޒްނަސް ފޯރަމުގައި ތަޤުރީރުކުރައްވަމުންނެވެ. މި ފޯރަމް ކުރިއަށްގެންދިޔައީ، އެމަނިކުފާނު މިވަގުތު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ހަވާސާގައެވެ.
އެ ފޯރަމުގައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، “ރުޕޭ” ކާޑު ރާއްޖޭގައި ބޭނުންކުރަން ފެށުންފަދަ ޑިޖިޓަލް މާލީ ޚިދުމަތްތައް ތަޢާރަފުކުރުމުގެ މައްޗަށާއި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅުންހުރި މަސައްކަތްތަކާއި، މަލްޓިލެޓަރަލިޒަމްގެ އުސޫލުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި މޯލްޑިވްސް ކްރިއޭޓިވް އިކޮނޯމިކް ސްޓްރެޓަޖީ އ އިފްތިތާޙުކޮށްގެން، ޑިޖިޓަލް އިޤްތިޞާދު ފުޅާކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އަމާޒަކީ ފަންނިއްޔާތުން ބާރުދޭ ދާއިރާތަކާއި ފަންނާއި މީޑިއާ ދިރުވައިއާލާކުރުންކަމަށް، އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، ޓެކް ކުންފުނިތަކާއި، ތަޢުލީމީ މުވައްސަސާތަކާއެކު ގުޅުން ބަދަހިކުރުމަކީ، އައި.ސީ.ޓީ ދާއިރާގައި ބެންގަލޫރަށް ލިބިފައިވާ ފަންނީ މުއްސަނދިކަމުން ރާއްޖެއަށް ފައިދާ ކުރަނިވި ކަމެއްކަމަށެވެ. އަދި އެއީ ފަންނިއްޔާތު ވިލުންތެރިކުރެވިދާނެ ގޮތްތަކެއް ކަމަށްވެސް އެމަނިކުފާނކުފާނު ފާހަގަކުރެއްވިއެވެ.
ދިވެހިރާއްޖެ އާއި އިންޑިއާ އަކީ ޖޯގްރަފީ ގޮތުން އެއްގޮތް، ޘަޤާފީ ކަންތައްތައް ހިއްސާކުރާ، ވިޔަފާރީގެ ފަހި ވެއްޓެއް އޮތް، އަދި އިޤްތިޞާދީ ގުޅުންތައް ޤާއިމުކުރެވިފައިވާ ދެ ޤައުމަށް ވީ ހިނދު، ދިވެހިރާއްޖެއަކީ އިންޑިއާގެ އިންވެސްޓްމަންޓްތަކަށް އެންމެ ފުރިހަމަ އެއް މަންޒިލްކަމުގައި ރައީސުލްޖުމްހޫރިއްޔާ ސިފަކުރެއްވިއެވެ. މީގެއިތުރުން، ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ މުހިންމުކަމާއި، އިޔާދަކުރަނިވި ހަކަތަ ބޭނުންކުރުމަށް ކުރާ މަސައްކަތުގައި ދިވެހިރާއްޖެ ގެންގުޅޭ ސާބިތުކަމާއި، މޫސުމަށް އަންނަ ބަދަލުތަކަށް ވިލުންތެރިކަން އިތުރުކުރުމަށް ކުރާ މަސައްކަތްތައް ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ އިންޑިއާގެ އިންވެސްޓަރުންނަށް ޚާއްޞަ ދަޢުވަތެއް އެރުވިއެވެ. އެގޮތުން، ދެމެހެއްޓެނިވި ފަތުރުވެރިކަމާއި، އިޔާދަކުރަނިވި ހަކަތަ އަދި މޫސުމަށް އަންނަ ބަދަލުތަކަށް ވިލުންތެރިކަން އިތުރުކުރުމުގެ ދާއިރާތަކުން ހުރި އިންވެސްޓްމަންޓް ފުރުޞަތުތައް އިތުރަށް ދިރާސާކުރުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ ދިވެހިރާއްޖެއާއި އިންޑިއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކޮށް، އިޤްތިޞާދީ އަދި ވިޔަފާރީގެ ގުޅުންތައް ފުޅާކުރުމަށް މަގުފަހިކޮށްދޭނެ ދަތުރުފުޅެއް ކަމަށް ބެލެވެއެވެ.
ދަތުރުފުޅު ނިންމަވާލައްވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ މި ދަތުރުފުޅުގެ ކާމިޔާބީ ކަށަވަރުކޮށްދެއްވީތީ އިންޑިއާގެ ސަރުކާރާއި، އިންޑިއާގެ ވިޔަފާރިވެރިންގެ ޖަމާޢަތަށް ޚާއްޞަ ޝުކުރެއް އަދާކުރައްވާފައެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުތަކުން، ދިވެހިރާއްޖެއާއި އިންޑިއާ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމާއި، އެކުގައި މަސައްކަތްކޮށްގެން ކުރިއަށް ދިއުމުގެ މުހިންމުކަން ފާހަގަކުރެވިގެން ދިޔައެވެ. އަދި ޚާއްޞަކޮށް ޑިޖިޓަލް އިޤްތިޞާދު، ދެމެހެއްޓެނިވި ތަރައްޤީ އަދި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ދާއިރާތަކުން ދެ ޤައުމުގެ މެދުގައި އިތުރު އެއްބާރުލުން ބޭނުންވާކަން ހާމަވެގެން ދިޔައެވެ.

