ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ގެއްލުން ވެދާނެފަދަ ކަމެއް މިސަރުކާރުން ނުކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ރައްޔިތުން މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން ވިދާޅުވެއްޖެއެވެ.
އަޒާން މިހެން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އަޒާން ވިދާޅުވި ގޮތުގައި، އެމްޑީޕީ ސަރުކާރާ ޚިލާފަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގެންގުޅެނީ “މޯލްޑިވްސް ފަސްޓް” ސިޔާސަތެކެވެ. މިއީ އެހެން ޤައުމުތަކާއެކު ގުޅުން ބާއްވަނީ ރާއްޖޭގެ މަޞްލަޙަތަށް އިސްކަންދީގެން ކަމަށް އަޒާން ވިދާޅުވިއެވެ.
ރައީސް ޑރ. މުޢިއްޒު މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް އަސަރުކުރާފަދަ އެއްބަސްވުމެއްގައި ދިވެހި ސަރުކާރުން ސޮއިކޮށްފައިނުވާ ކަމަށް އަޒާން ފާހަގަކުރެއްވިއެވެ. އަދި ދިވެހި ސަރުކާރުން އެއްވެސް ކަމެއް ކުރަން ނިންމާނީ ރާއްޖެއަށް އެކަމަކުން އެންމެ ފައިދާ ބޮޑު ގޮތެއް ބަލާފައި ކަމަށްވެސް އަޒާން ވިދާޅުވިއެވެ.
މީގެއިތުރުން، އަޒާން ފާހަގަކުރެއްވި ގޮތުގައި، މިއަދު އިންޑިއާ ސިފައިންނޭ ކިޔައިގެން ވާހަކަ ދައްކާ ބައެއް ފަރާތްތަކަކީ މީގެ ކުރިން އެއީ ރާއްޖޭގައި އިންޑިއާ ސިފައިން ނެތް ކަމަށް ބުނި މީހުންނެވެ. އަދި އިންޑިއާ ސިފައިން ތިބުމަކީވެސް މައްސަލައެއް ނެތް ކަމަށް ގަބޫލުކުރި މީހުން ކަމަށްވެސް އަޒާން ވިދާޅުވިއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެސް ވަނީ އިންޑިއާ އެކު އެކުލަވައިލި ފަހުމުނާމާ ތަކުގައި ރާއްޖޭގެ މިނިވަންކަމަށް އަދި އެހެން ގައުމެއްގެ ބާރު އެއްކޮށް ހިނގާ ފަދަ އެއްވެސް ކަމެއް ނޯންނާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި މި ދަތުރުފުޅުގައި އިއުލާން ކުރެއްވި “ވިޝަން ފޯ ކޮމްޕްރިހެންސިވް ޕާޓްނާޝިޕް އޮން އިކޮނޮމިކް އެންޑް މެރިޓައިމް ސެކިއުރިޓީ” އަކީ އެންމެންނަށް ވެސް ފެންނަން އޮތް އެއްޗެއް ކަމަށާއި، ސަރުކާރުގެ ސިޔާސަތާ ޚިލާފު އެއްވެސް ވާހަކައެއް އޭގައި ނޯންނާނެ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

