އިންޑިއާގެ ބެންގަލޫރުގައި ދިރިއުޅޭ ދިވެހިންނާ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ރޭ ބައްދަލުކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހާރު އިންޑިއާއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އެ ބައްދަލުކުރެއްވުމުގައި ބެންގަލޫރުގައި މަސައްކަތްކުރައްވާ އަދި އެކި ކަންކަމުގައި އެޤައުމަށް ވަޑައިގެން އުޅުއްވާ ދިވެހިންނާއި ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގަތް ރައްޔިތުންގެ އިހުސާސުތަކާއި ކަންބޮޑުވުންތަކާއި ހިޔާލުތައް އަޑުއައްސަވަން ބޭނުންފުޅުވާކަމުގައި ވިދާޅުވިއެވެ. އެފަދަ ކަންކަން ހިއްސާކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން އެކަންކަން ވިދާޅުވެދެއްވުމުން އެކަންކަމަށް ހައްލު ގެނެސްދިނުމަށް މަސައްކަތް ކުރައްވާނެކަމުގައި ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި، އެކި ބޭނުންތަކަށް ރައްޔިތުން އިންޑިއާއަށާއި އަދި ބޭރުގެ އެހެނިހެން ޤައުމުތަކަށް ޒިޔާރަތް ކުރާކަމަށާއި ދިވެހިން އިންޑިއާއަށް އަންނަ މައިގަނޑު ކަންކަމަކީ، ބޭސްފަރުވާއާއި ތަޢުލީމު ހާސިލްކުރުމާއި ވިޔަފާރީގެ ބޭނުންތަކުގަައި ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އެކަހަލަ އެއްވެސް ކަމެއްގައި ވަޑައިގެން އުޅުއްވާ ބޭފުޅަކަށް ސަރުކާރުގެ ފަރާތުން ކޮށްދެވޭނެ ކަންތައްތައް ނުވަތަ ސަރުކާރު މެދުވެރިވެގެން އެ ޤައުމެއްގެ ސަރުކާރުގައި ދަންނަވައިގެން ފަހިކޮށްދެވިދާނެ ކަންކަން ހުރިނަމަ އެކަން ފަހިކޮށްދެއްވާނެކަމުގައި ރައީސުލުޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
އެ ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ބެންގަލޫރުގައި ދިރިއުޅޭ ދިވެހިންނާއެކު ވަގުތުހޭދަކުރައްވައި، އެފަރާތްތަކުގެ އެކިއެކި ބޭނުންތަކާއި އިހުސާސުތައް އަޑުއައްސަވާފައެވެ. އެ ބައްދަލުކުރެއްވުމުގައި، ބައިވެރިވި ދިވެހިންނާއެކު ރައީސްގެ ދެކަނބަލުން ހަނދާނީ ފޮޓޯއެއް ނަންގަވާފައިވެއެވެ.

