އިންޑިޔާގެ މަޝްހޫރު ވިޔަފާރިވެރިޔާ އަދި ޓާޓާ ގްރޫޕްގެ ކުރީގެ ޗެއަރމަން، ރަތަން ނަވަލަ ޓާޓާ، އުމުރުން 86 އަހަރުގައި އިއްޔެ ރޭ އަވަހާރަވެއްޖެއެވެ. ޓާޓާ އަވަހާރަވީ މުމްބާއިގެ ބްރިޗް ކެންޑީ ހޮސްޕިޓަލްގައެވެ.
ރަތަން ޓާޓާއަކީ އިންޑިޔާގެ އެންމެ ނުފޫޒުގަދަ އަދި ކާމިޔާބު ވިޔަފާރިވެރިންގެ ތެރެއިން އެކެކެވެ. އޭނާ ޓާޓާ ގްރޫޕްގެ ޗެއަރމަންގެ މަޤާމުގައި ހުންނެވީ 1991 އިން 2012 އަށެވެ. މި މުއްދަތުގައި ޓާޓާ ގްރޫޕް ވަނީ ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ވިޔަފާރިއަކަށް ހަދާފައެވެ.
އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ ރަތަން ޓާޓާގެ އަވަހާރަވުމާ ގުޅިގެން ތައުޒިޔާ މެސެޖެއް ދެއްވާފައެވެ. މި މެސެޖުގައި ބޮޑުވަޒީރު ވިދާޅުވެފައިވަނީ، “ޝްރީ ރަތަން ޓާޓާ ޖީ އަކީ ދުރުވިސްނިވަޑައިގަންނަވާ ވިޔަފާރިވެރިއެއް، އޯގާތެރި ނަފްސެއް އަދި އާދަޔާ ހިލާފު އިންސާނެކެވެ. އިންޑިޔާގެ އެންމެ ދުވަސްވީ އަދި އެންމެ ޝަރަފުވެރި ވިޔަފާރިތަކުގެ ތެރެއިން އެއް ވިޔަފާރިއަށް ސްޓޭބަލް ލީޑަޝިޕެއް ފޯރުކޮށްދެއްވިއެވެ. ހަމައެއާއެކު އޭނާގެ ޙިއްޞާ ކަންކަން ނިންމުމުގެ ބޯޑުރޫމަށްވުރެ މާ ދުރަށް ދިޔައެވެ. ނިޔަނެތި، އޯގާތެރި، މުޖުތަމަޢުގެ އިސްލާޙި މަސައްކަތުން އެތައް ބައެއްގެ ލޯބި ލިބިވަޑައިގެންނެވި ލީޑަރެކެވެ.”
ރަތަން ޓާޓާއަކީ އިންޑިޔާގެ އެންމެ މަތީ ޝަރަފުގެ އެވޯޑު ކަމުގައިވާ “ޕަދްމަ ވިބްހޫޝަން” އާއި “ޕަދްމަ ބްހޫޝަން” ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. މީގެ އިތުރުން، އޭނާގެ ޚައިރާތީ މަސައްކަތްތަކަށްޓަކައި ވަނީ ބައިނަލްއަޤްވާމީ ފެންވަރުގައިވެސް ވަރަށް ބޮޑަށް ހުށަހެޅިފައެވެ.
ރަތަން ޓާޓާގެ އަވަހާރަވުމާ ގުޅިގެން އިންޑިޔާގެ ވިޔަފާރި ދުނިޔެއާއި ސިޔާސީ ދާއިރާގެ އިސް ފަރާތްތަކުން ވަނީ ހިތާމައާއި ތައުޒިޔާ ފާޅުކޮށްފައެވެ. ގިނަ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި ރަތަން ޓާޓާއަކީ އިންޑިޔާގެ އިޤްތިޞާދީ ކުރިއެރުމަށް ވަރަށް ބޮޑު ހިއްސާއެއް ކޮށްދެއްވި ބޭފުޅެކެވެ.

