ކޫއްޑޫ އެއާޕޯޓް މަރާމާތު ކުރެވެންދެން މޯލްޑިވިއަން އެއަރލައިންސްއިން އެ އެއާޕޯޓަށް ކުރާ ދަތުރުތައް ވަގުތީގޮތުން މެދުކަނޑާލަން ނިންމައިފިއެވެ. މި ނިންމުން ތަންފީޒު ކުރަން ފަށާނީ މާދަމާއިން ފެށިގެންނެވެ.
މޯލްޑިވިއަންގެ އޮފިޝަލަކު މައުލޫމާތު ދެއްވިގޮތުގައި، މި ނިންމުން ނިންމާފައިވަނީ އެއާޕޯޓުގެ ރައްކާތެރިކަމަށް ދިމާވެފައިވާ މައްސަލަތަކާ ގުޅިގެންނެވެ. އެ އޮފިޝަލް ވިދާޅުވީ، މަރާމާތު ނުކޮށް ގިނަ ދުވަސްވުމުގެ ސަބަބުން ގެއްލުންތަކެއް ލިބެމުންދޭ. ސޭފްޓީ އިޝޫތަކާ ހެދި މެދުކަނޑާލަން ޖެހުނީ. އައިލެންޑް އޭވިއޭޝަނުން ބަލާނީ ފަސިންޖަރުންނާއި ކްރޫންގެ ރައްކާތެރިކަމަށް.”
އިތުރަށް އެ އޮފިޝަލް ވިދާޅުވި ގޮތުގައި، “ރަންވޭ އާއި އޭޕްރޮން އަދި ޓެކްސީ ވޭގެވެސް ތާރުގަނޑަށް ގެއްލުންތަކެއް ލިބިފައި ވަނީ. މިކަމުގެ ސަބަބުން ރައްކާތެރިކަމަށް ބުރޫ އަރަމުންދޭ. މަރާމާތު ނިމުނުހާ އަވަހަކަށް ދަތުރުތައް އަލުން ފަށާނެ.”
ކޫއްޑޫ އެއާޕޯޓަކީ 2012 ވަނަ އަހަރު ހުޅުވުނު އެއާޕޯޓެކެވެ. މި އެއާޕޯޓް ހިންގަމުން ދަނީ މާކިއޯ މޯލްޑިވްސް ކޫއްޑޫ ރިސޯޓުންނެވެ. މި އެއާޕޯޓަށް ދިމާވެފައިވާ މައްސަލަތައް ޙައްލުކުރެވި، މަރާމާތުތައް ނިމުމުން، މޯލްޑިވިއަން އެއަރލައިންސްއިން އަލުން އެ އެއާޕޯޓަށް ދަތުރުތައް ފަށާނެކަމަށް ބެލެވެއެވެ.

