މިއަދު މެންދުރު ވައިގަދަވުމުގެ ސަބަބުން ހުޅުމާލޭގެ ފެރީ ޓާމިނަލްގެ ވޯކްވޭ ސަރަހައްދުގެ ފުރާޅު އެއްލާލައިފިއެވެ. މި މަޢުލޫމާތު ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ ހާމަކޮށްފައެވެ.
އެޗްޑީސީން މަޢުލޫމާތު ދެއްވިގޮތުގައި މިހާރު އެ ވޯކްވޭ މަރާމާތުކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. މި ހާދިސާ ހިނގާފައިވަނީ މި ދުވަސްވަރު މޫސުން ގޯސްވެ، އާދަޔާ ޚިލާފަށް ވައިގަދަވެފައިވާ ދަނޑިވަޅެއްގައެވެ.
މޫސުމާ ބެހޭ ރާއްޖޭގެ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް އޮފީސް) އިން މިއަދު ހާމަކުރި ގޮތުގައި އަންނަ ހޯމަ ދުވަހާ ހަމައަށް ރާއްޖޭގެ ސަރަހައްދުގައި ވައި މަޑުނުވާނެއެވެ. މީގެ އިތުރުން، މެޓް އޮފީހުން ފާހަގަކޮށްފައިވާ ގޮތުގައި ރޭ ފަތިހު ހުޅުލެއަށް ވަރަށް ގަދައަށް ވައި ޖެހުނެވެ.
މެޓް އޮފީހުގެ މަޢުލޫމާތުތަކުން ދައްކާގޮތުގައި ރޭ ފަތިހު ހުޅުލެއަށް އައި ވިލާގަނޑުގައި ގަޑިއަކު 58 މޭލުގެ ބާރުމިނުގައި ވައި ޖެހުނެވެ. އަދި މިއަދު ހެނދުނު ވައިގެ ބާރުމިން ވަނީ ގަޑިއަކު 61 މޭލަށް އިތުރުވެފައެވެ.

