މިއަދު މެންދުރުފަހު މަޖީދީމަގު، މާވެޔޮމަގަށް ލަނބާލާ ހަތަރުއަނގޮޅި ކަންމަތީ ހިނގި އެކްސިޑެންޓުގައި ސައިކަލަކުން ޖެހި އަނިޔާވީ މަފިހިހުރަސް މަތީ މަގުހުރަސްކުރަން ގޮސްގޮސްހުރި 3 އަހަރުގެ ކުޑަކުއްޖަކަށް ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ މިއަދު މެންދުރުފަހު 15:40 އެހާކަންހާއިރުގައެވެ.
ފުލުހުން މަޢުލޫމާތު ދެއްވިގޮތުގައި، މި ހާދިސާ ހިނގާފައިވަނީ މަޖީދީމަގުގައި ހުރި ވިލާ މާޓު ކައިރީގައި ހުރި ފިހާރައަކުން ނުކުމެގެން މަގު ހުރަސްކުރަން އުޅުނު 3 އަހަރުގެ އަންހެން ކުޑަކުއްޖެއްގެ ގައިގައި ސައިކަލަކުން ޖެހިގެންނެވެ. މި ހާދިސާގައި އެ ކުއްޖާ ވެއްޓި، ނިތްކުރިމަތި ވަނީ ދުވަޅުވެފައެވެ.
ފުލުހުން އިތުރަށް ވިދާޅުވިގޮތުގައި، މި ހާދިސާގައި އަނިޔާވި ކުއްޖާ ވަނީ އައި.ޖީ.އެމް.އެޗަށް ގެންގޮސް ފަރުވާ ދީފައެވެ. އަދި މި ހާދިސާގައި ސައިކަލް ދުއްވަން އިން ފަރާތަކީ ލައިސަންސް އޮންނަ ދިވެހި ފިރިހެނެއްކަމަށް ފުލުހުން ވިދާޅުވިއެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
މާލޭގެ މަގުތަކުގައި ދުއްވާ އެއްޗެހި ގިނަވެ، ތޮއްޖެހިފައިވުމާ ގުޅިގެން މަގުމަތީގެ އެކްސިޑެންޓުތައް ދަނީ އިތުރުވަމުންނެވެ. ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިއަހަރު މިހާތަނަށް މަގުމަތީގެ އެކްސިޑެންޓުތަކުގެ އަދަދު 2118 އަށް އަރާފައިވެއެވެ.

