ސައިކަލެއްގެ މަޑި ދަށުން 400,000 އަށްވުރެ ގިނަ ރުފިޔާ ނެގިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ބިދޭސީ މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.
މި މައްސަލާގައި މިދިޔަ ސެޕްޓެމްބަރު 13 ގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޖަހަންގިރް އާލަމް (45އ) ކިޔާ މީހެކެވެ.
ފުލުހުން އޭނާގެ މައްޗަށް ކުރަނީ ވައްކަމުގެ ތުހުމަތެވެ. އެގޮތުން ސައިކަލެއްގެ މަޑި ދަށުގައި ބަހައްޓާފައި ހުރި 442,750 ރުފިޔާ ވަގަށް ނަގާފައިވާ ކަމަށް އޭނާގެ މައްޗަށް ވަނީ ތުހުމަތުކޮށްފައެވެ.
ނަމަވެސް އޭނާ ވަނީ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ.
މި މައްސަލާގައި އޭނާގެ ބަންދަށް ކުރިން އިތުރުކުރި މުއްދަތު ހަމަވުމާއެކު އިތުރު 5 ދުވަހަށް ބަންދުކުރަން އަމުރުކޮށް ކޯޓުން އިއްޔެ ނެރުނު އަމުރުގައި ބުނެފައިވަނީ ފުލުހުންގެ ފަރާތުން، މި މައްސަލާގެ ވެރި ފަރާތްކަަމަށް ބުނާ ޚާލިދު ޙަސަންގެ ބަޔާނަކާއި، މި ފައިސާ ގެންގުޅުނު ކަމަށް ބުނާ ސުލްތަާން ސޮޖަންގެ ބަޔާނަކާއި، ސީސީޓީވީގެ ސްނެޕްޝޮޓްތަކާއި، އިންޓެލިޖެންސް ރިޕޯޓަކާއި، މި ފައިސާގެ ވެރި ފަރާތާއި، އިތުރު ފަރާތަކާ ދޭތެރޭ ވެފައިވާ އެއްބަސްވުމެއްގެ ކޮޕީއަކާއި، ސީސީޓީވީގެ ވީޑިއޯ ހުށަހަޅާފައިވާ ކަމަށެވެ.
ސައިކަލުގެ މަޑިދަށުން ފައިސާތައް ނަގާ މަންޒަރާއި، އެ ފައިސާތައް ހިފައިގެން ގެއަށް ވަންނަ މަންޒަރު، މައްސަލާގައި ހުށަހަޅާފައިވާ ވީޑިއޯއިން ފެންނަކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި އެ ފައިސާއަކީ ޚާލިދުގެ ވިޔަފާރިއެއްކަމަށްވާ "ކޭ އީ އެންޑް އެޗް އިންވެސްޓްމަންޓް" ގެ ފައިސާކަމަަށް ޚާލިދު ބުނާކަމަށާއި އެކަން ކަށަވަރުކުރަން މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

