އެންމެ ނުރައްކާތެރި ފާހިޝް އަމަލަކީ ޒިނޭ ކަމަށާއި، އެއް ޖިންސުން ގުޅުން ހިންގުމާއި، ޒިނޭކުރުން އާންމުވެއްޖެ ތަނެއް ހަލާކުކުރައްވާ ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
ހުޠުބާގައި ބުނީ އިސްލާމްދީނަކީ އިއްފަތްތެރިކަމާއި، ތާހިރުކަމުގެ ދީން ކަމަށާއި، ހުރިހައި ބާވަތެއްގެ ބަދުއަޚުލާގީ އަމަލުތަކާއި، ފާހިޝް އަމަލުތައް ހަރާމްކުރައްވާފައިވާ ކަމަށެވެ. އަދި އެންމެ ނުރައްކާތެރި ފާހިޝް އަމަލަކީ ޒިނޭ ކަމަށާއި، ޒިނޭއަކީ އެކަމުގައި ހަލާކާއި، ބަލިމަޑުކަން ހިމެނޭ ހަޑިމުޑުދާރު އަމަލެއް ކަމަށެވެ. އެއް ޖިންސުން ގުޅުން ހިންގުމާއި، ޒިނޭކުރުން އާންމުވެއްޖެ ތަނެއް ހަލާކުކުރައްވާ ކަމަށް ވެސް ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ.
ޚުޠުބާގައި ބުނީ ޒިނޭގެ ސަބަބުން މުޖުތަމައުގެ އިޖުތިމާއީ ފޭރާން ހަލާކުވެދާކަމަށެވެ. އެގޮތުން އާއިލަާތައް ރޫޅި، ނަސްލު އޮޅި، ރަށްމެދަށް ވިހާ ކުދިން ގިނަވާކަން ފާހަގަކޮށްފައިވެއެވެ.
ފާހިޝް އަމަލުތަކުގެ ސަބަބުން ފެތުރެމުންދާ ބަލިތައް ވަރަށް ގިނަ ކަމަށާއި، އެއީ ނުރައްކާތެރި ބަލިތަކެއްކަން ވެސް ފާހަގަކޮށްފައިވެއެވެ.
އެގޮތުން ޒިނޭއާއި ފާހިޝް އަމަލުތަކުގެ ސަބަބުން ފެތުރެމުންދާ ބަލިތަކުގެތެރޭގައި ކިހުނުބަލީގެ ތަފާތު ބާވަތްތަކާއި، ހާޕިސް ބައްޔާއި، އެއިޑްސް ބައްޔާއި، މަކުނު ވިދުރި ހިމެނޭ ކަމަށާއި، މިއީ ބިމުގެ އަހުލުވެރިންގެ ބަދުއަޚުލާގީ އަމަލުތަކަށް ދެއްވި ދުނިޔަވީ ސަޒާކަމަށް އިލްމުވެރިން ސިފަކުރައްވާ ކަމަށް ޚުޠުބާގައި ބުންޏެވެ.
ޖިންސީ ފާހިޝް އަމަލުތަކުގެ ސަބަބުން ޖެހޭ ބަލިތަކުން ރައްކާތެރިވެވޭނީ އިސްލާމީ އުސޫލުތަކަށް ތަބާވެގެންނެވެ. ކައިވެނިން ބޭރުގައި ޖިންސީ އަމަލުތައް ހިންގުމާ މުޅިން ދުރުހެލިވެގެންނެވެ.
ފާހިޝް އަމަލުތަކުން މުޖުތަމައު ސަލާމަތްކުރެވޭނީ މައިންބަފައިންނާއި، ތައުލީމުދޭ މުއައްސަސާތަކުންނާއި، ޚަބަރުފަތުރާ ވަސީލަތްތަކުން އެ ފަރާތްތަކުގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކޮށްގެން ކަމަށާއި، ޒުވާނުންނާއި ދަރިން ރަނގަޅަށް ތަރުބިއްޔަތުކޮށް، އެ މީހުންގެ އަތުގައި ޝައިޠާނާ ހިފުން މަނާކޮށްގެން ކަމަށް ޚުޠުބާގައި ބުންޏެވެ.

