ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ދާއިރާތަކުގެ އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު ހަމަވުމަށް ބާކީ 13 ދުވަހަށްވެއްޖެއެވެ.
ކޮންގްރެސް ޕާޓީގެ އެތެރޭގެ އިންތިޚާބު ބާއްވަން ކުރިން ތާވަލުކުރީ މި މަހުގެ 19 ވަނަ ދުވަހަށެވެ. ނަމަވެސް މިހާރު ވަނީ އަންނަ ނޮވެމްބަރު 9 ވާ ހޮނިހިރު ދުވަހު އިންތިޚާބު ބާއްވާ ގޮތަށް ހަމަޖައްސައިފައެވެ.
އެއާއެކު އިންތިޚާބަށް ކުރިމަތިލުމަށް ދިން މުއްދަތު ވަނީ މި މަހުގެ 24 ވާ ބުރާސްފަތި ދުވަހުގެ 18:00 އާ ހަމައަށް އިތުރުކޮށްފައެވެ.
ކޮންގްރެސް ޕާޓީން ބުނެފައިވާ ގޮތުން، އިންތިޚާބު ބާއްވާ ތާރީޚު ފަސްކޮށް، އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކުރީ އިންތިޚާބުގައި ވާދަކުރުމަށް ޝައުގުވެރިވާ ގިނަ ފަރާތްތަކުން އެކަމަށް އެދެމުންދާތީއެވެ.
މި އިންތިޚާބުގެ ތާރީޚުތަކަށް ގެނައި ބަދަލުތަކާއެކު، އިންތިޚާބުގައި ވޯޓުލެވޭނީ މި މަހުގެ 24 ވަނަ ދުވަހުގެ 18:00 އާ ހަމައަށް ޕާޓީ އޮފީހަށް މެމްބަރޝިޕް ފޯމު ހުށަހަޅާ ފަރާތްތަކަށެވެ.
މި އިންތިޚާބުގައި މަގާމުތަކަށް 2095 މެންބަރުން އިންތިޚާބު ކުރުމަށް ހަމަޖެހިފައިވާއިރު، މަގާމުތަކުގެ ގޮތުގައި އިންތިޚާބުކުރާނީ ދާއިރާ ރައީސުންނާއި ދާއިރާ ނައިބު ރައީސުންނާއި، ޒުވާނުންގެ ހަރަކާތުގެ ރައީސުންނާއި، އަންހެނުންގެ ހަރަކާތުގެ ރައީސުންނާއި، ސްޓިއަރިންގ ކޮމިޓީތަކުގެ މެންބަރުންނެވެ.

