މޫސުން ގޯސްވުމާ ގުޅިގެން 9 އަތޮޅަކަށް ރީނދޫ ސަމާލު ނެރެފިއެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއިން ބުނީ ނ.އަތޮޅާއި، ރ.އަތޮޅާއި، ބ.އަތޮޅާއި، ޅ.އަތޮޅާއި، ކ.އަތޮޅާއި، އއ.އަތޮޅާއި، އދ.އަތޮޅާއި، ވ.އަތޮޅާއި، ފ.އަތޮޅަށް ރީނދޫ ސަމާލު ނެރެފައިވާ ކަމަށެވެ.
އެ ސަރަހައްދުތަކަށް ރީނދޫ ސަމާލު ނެރެފައިވަނީ 15:00 އިން ފެށިގެން މިރޭ 19:00 އާ ހަމައަށެވެ. މި ވަގުތުތަކުގައި ގަޑިއަކު 28-35 މޭލުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައިގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މީގެއިތުރުން ހއ.އަތޮޅުން ލ.އަތޮޅަށް މިރޭ 21:00 އާ ހަމައަށް ވަނީ ހުދު ސަމާލު ނެރެފައެވެ.
މެޓް އޮފީހުން އިއްޔެ ބުނެފައިވަނީ މޫސުން ކުރިއަށް ލަފާކުރެވޭ ގޮތުގައި ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް ހޯމަ ދުވަހާ ހަމައަށް އާންމު ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އެގޮތުން އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކުގައި އެވްރެޖްކޮށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ދެކުނުގެ އަތޮޅުތަކުގައި އެވްރެޖްކޮށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވެއެވެ. އަދި ވިލާގަނޑުގައި ހުރިހާ ހިސާބަކަށް ގަޑިއަކު 45 މޭލާއި 55 މޭލާ ދެމެދުގެ ބާރުމިނުގައި ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.
މީގެއިތުރުން ހޯމަ ދުވަހާ ހަމައަށް، ރާއްޖޭގެ ބޮޑު ބަޔަކަށް ގަދަވަޔާއެކު ވިއްސާރަކޮށް ގުގުރުން އެކަށީގެންވާ ކަމަށާއި، ކަނޑުތައް ގަދަވެ، އާންމުކޮށް އުދައަރާ ސަރަހައްދުތަކަށް ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައެރުން އެކަށީގެންވާ ކަމަށް ވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ.

