ލުބުނާނުގައި ހަރަކާތްތެރިވާ ހިޒްބުالله ޖަމާއަތުން އިޒްރޭލުގެ އަސްކަރީ މަޒުކަޒަކަށް ހަމަލާދީ ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށް އެޖަމާއަތުން ބުނެފިއެވެ.
ހިޒްބުالله އިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި އެ ޖަމާއަތުން ހަމަލާދީފައިވަނީ ހައިފާގެ ކިރިޔަޓް އެލީޒަރުގައި ހުންނަ އިޒްރޭލުގެ އަސްކަރީ މަރުކަޒަކަށެވެ. މި މަރުކަޒަށް ހަމަލާދީފައިވަނީ ޑްރޯން ބޭނުން ކޮށްގެން ކަމަށްވެސް ހިޒްބުالله އިން ބުނެފައިވެއެވެ.
އަދި އިޒްރޭލު ސިފައިން ޖަމާވާ ތަންތަނަށްވެސް އެޖަމާއަތުގެ ހަނގުރާމަވެރިން ރޮކެޓް ހަމަލާދީފައިވާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. އެގޮތުން މި ހަމަލާ ދީފައިވަނީ ހައިފާގެ އުތުރުގައި އޮންނަ ޒޯވޮލޯން ސަރަހައްދާއި ކަފްރްސޯލްޑްގެ މީހުން ދިރިއުޅޭ ސަރަހައްދަށް ކަމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ.
އޭގެ އިތުރުން ޔަފްތާހު ބެރެކްތަކާއި ވަށައިގެންވާ ސަރަހައްދަށް ބޮން އަޅައި ހަމަލާދީފައިވާއިރު، އަލްއާބާދު ސައިޓަށް އަމާޒުކޮށް މިސައިލް ހަމަލާއެއް ދީފައިވާ ކަމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ.
ހިޒްބުالله ގެ ބަޔާނުގައިވަނީ، މި ހަމަލާތަކަކީ ފަލަސްތީނަށް ތާއީދުކޮށް އެޖަމާއަތުން ދެމުންގެންދާ ހަމަލާތަކާއި ގުޅިގެން ޔަހޫދީ އިޒްރޭލުން ލުބުނާނުގެ އާންމުންނަށް އަމާޒުކޮށްގެން ދެމުންދާ ހަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށާއި، ޔަހޫދީންނާ ދެކޮޅަށް ހަނގުރާމަ ކުރުމުގައި އެޖަމާއަތް ދެމިއޮންނާނެ ކަމަށް ބުނެފައެވެ.
ޔަހޫދީ އިޒްރޭލުން ލުބުނާނަށް ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް 2,000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވެއެވެ. އޭގެ ތެރޭގައި ގިނައީ އާންމުން ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

