މި ދުވަސްވަރަކީ ވައިގަދަ، ވިއްސާރަ ދުވަސްވަރަކަށްވުމާއެކު،
ބުރިޖާއި، ހައިވޭއިން ދަތުރުކުރާއިރު ސަމާލުވުމަށް ފުލުހުންގެ ޚިދުމަތުން މިއަދު އިލްތިމާސްކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުގެ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައި ވަނީ މި ދުވަސްވަރަކީ ވައިގަދަ، ވިއްސާރަ ދުވަސްވަރެއްކަން ފާހަގަކޮށް، ސިނަމާލެ ބުރިޖު އަދި ހައިވޭއިން ދަތުރުކުރާއިރު، ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލައިގެން އުޅަނދު ދުއްވުމަށް އިލްތިމާސްކޮށްފައެވެ.
އެގޮތުން ސައިކަލު ދުއްވާއިރު ކުޑަ ނަގައިގެން ނުދުއްވުމަށާއި، ފަސޭހައިން ހަލާކުވެ، ވަޔާ ދާ ފަދަ ކޯޓު ބޭނުންނުކުރުމަށާއި، ހެލްމެޓު ވެސް ވަޔާ ނުދާނޭހެން ރަނގަޅަށް އެޅުމަށް ފުލުހުން ވަނީ އިރުޝާދުދީފައެވެ.
މީގެއިތުރުން، އުޅަނދުގެ ލައިޓުތައް ދިއްލޭތޯ ބަލައި، ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްފަހު އުޅަނދު ދުއްވުމަށް ފުލުހުންގެ ޕޯސްޓުގައި އިލްތިމާސްކޮށްފައިވެއެވެ.
މޫސުން ގޯސްވެ، ވައިގަދަވުމާ ގުޅިގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ފުލެޓުތައް ކައިރީގައި ޕާކުކޮށްފައި ހުރި ސައިކަލުތަކެއް ވަޔާ ވެއްޓޭ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ވަނީ އާންމުވެފައެވެ.
މިހާރު ޖެހެމުންދާ ގަދަ ވަޔާއެކު މިއަދު ވަނީ މާލޭގެ މާވެޔޮ މަގުގައި ހުންނަ ޕޭޕާވޯލްޑް ފިހާރަ ކައިރީގައި ހުރި ބޮޑު ގަހެއް ބުޑުން ބިންދައިގެން ގޮސް ވެއްޓި، އެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި ސައިކަލުތަކަކަށް ވެސް ގެއްލުންވެފައެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއިން ލަފާކޮށްފައިވާ ގޮތުން އަންނަ ހޯމަ ދުވަހާ ހަމައަށް ވެސް ރާއްޖޭގެ ހުރިހާ ހިސާބެއްގައި އާންމު ވައި ގަދަވެ، ވިއްސާރަކުރާނެއެވެ.

