މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ޝަކީލުގެ ނަމުގައި ފައިސާ ހޯދަން ސްކޭމް ކޯލްތަކެއް ކުރަމުންދާތީ އެކަމަށް ސަމާލުވުމަށް އޭނާ އިލްތިމާސް ކުރައްވައިފިއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝަކީލު ވިދާޅުވީ އޭނާގެ ފަރާތުން ކަމަށް ބުނެ މީހަކު އެކި ފަރާތްތަކަށް ގުޅައި ފައިސާ ހޯދަމުންދާ ކަމަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ.
ޝަކީލުގެ ޕޯސްޓުގައި ވަނީ އެމީހާގެ ނަމާއި، އެޑްރެހާއި، ފޯނު ނަންބަރު ހިއްސާކުރައްވާފައެވެ.
މިގޮތުން އެކި ފަރާތްތަކުގެ އަތުން ބޮޑެތި އަދަދުތަކުން ފައިސާ ހޯދުމަށް ސްކޭމް ކޯލްތަކެއް މީނާ ކުރަމުން ދާތީ ސަމާލުވުމަށް ދަންނަވަމެވެ.
މި މައްސަލަ ބަލައިދިނުމަށް އެދި މޯލްޑިވްސް ޕޮލިސް ސާރވިސްއަށް ހުށަހަޅުއްވާފައިވާ ކަމަށް ޝަކީލު ވިދާޅުވިއެވެ.
ޝަކީލު ވަނީ އޭނާގެ ފަރާތުން ކަމަށް ބުނެ އެއްވެސް ފަރާތަކުން ފައިސާ ހޯދުމަށް ކުރާ ފޯނު ކޯލްތަކަށް އިޖާބަ ނުދިނުމަށް އިލްތިމާސް ކުރައްވާފައެވެ.

