މޫސުން ގޯސްވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
މިއަދުގެ މޫސުން ލަފާކޮށް، އެ އިދާރާއިން ބުނީ ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި، ވިލާގަނޑުގައި ގަދަވާނެ ކަމަށެވެ. އަދި އެހެން ހިސާބުތަކުގެ ކަނޑުތައް އާންމު ގޮތެއްގައި ގަދަވާނެ ކަމަށެވެ.
މެޓް އޮފީހުން ލަފާކޮށްފައިވާ ގޮތުން، މިއަދު ވެސް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެއެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ.
މޫސުން ގޯސްވުމާއެކު މެޓް އޮފީހުން ވަނީ ހއ.އަތޮޅުން ފެށިގެން ވ.އަތޮޅަށް ހުދު ސަމާލު ވެސް ނެރެފައެވެ. ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް، އެ ސަރަހައްދުތަކަށް ސަމާލު ނެރެފައިވަނީ މެންދުރު 12:00 އާ ހަމައަށެވެ.

