ވިއްސާރަވެ މާލޭގައި ފެންބޮޑުވެ، މާލޭގެ އާއިލާތަކަށް ދިމާވާ ތަކުލީފުތަކަށް ހައްލު ހޯއްދަވައިދެއްވުމަށް ކޮމާންޑަރ އިން ޗީފް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަމުރުފުޅަށް ތަރައްގީ ކުރި ފެން ހިންދާ ނިޒާމު ކާމިޔާބުކަމާއެކު ކުރިއަށްދާ ކަމަށް ޑިފެންސް މިނިސްޓްރީން މިއަދު ބުނެފިއެވެ.
އެ މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މާލޭގެ މަގުތަކުގައި ހެދޭ ފެން ހިންދުމުގެ މި މަޝްރޫއު ކުރިއަށް ގެންގޮސްފައިވަނީ ދިފާއީ ވުޒާރާގެ އިސްނެގުމުގެ ދަށުން، ދިވެހި އަސްކަރިއްޔާއާއި އިމާރާތްކުރުމާއި ބިނާރާބެހޭ ވުޒާރާގެ ފަންނީ އެހީތެރިކަމާއެކު ކަމަށެވެ.
ރޯޑް ޑިވަލޮޕްމެންޓް ކޯޕަރޭޝަނުން އަމަލީ މަސައްކަތްތައް ކުރިއަށްގެންދާ މި މަޝްރޫއު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މާލޭގައި އާންމުކޮށް އެންމެ ބޮޑަށް ފެންބޮޑުވާ ސަރަހައްދުތަކުގައި ކަމަށް ޑިފެންސް މިނިސްޓްރީން ބުންޏެވެ.
މާލޭގައި އެންމެ ބޮޑަށް ފެންބޮޑުވާ އައިޖީއެމްއެޗް ސަރަހައްދުގައި ބެހެއްޓި ޑްރެއިން ސިސްޓަމް އިއްޔެ ވަނީ ބޭނުންކުރަން ފަށާފައެވެ.
މިކަމާ ގުޅިގެން އިމާރާތްކުރުމާއި ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ އާރުޑީސީއާ ހަވާލުކުރެވި، 10 މެއި 2024 ގައި ފަށައިގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ ބައެއް ނިމިފައިވާ ކަމަށެވެ.
މި ކުރެވޭ މަސައްކަތުން ފެންބޮޑުވާ މައްސަލައަށް އެއްކޮށް ހައްލު ނުލިބުނު ނަމަވެސް، މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދެންދެން ރައްޔިތުންނަށް ފޯރާ ދަތިތައް ކުޑަކުރެވި، ޕަންޕު ބޭނުންކޮށްގެން ފެން ހިންދުމަށް ފަސޭހަވެގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މާލޭގެ އެކި ސަރަހައްދުތަކުގައި ބެހެއްޓިފައިވާ ސްޓޯމްވޯޓަރ މެނޭޖްމަންޓް ސިސްޓަމް މެއިންޓެއިންކޮށް ބަލަހައްޓަނީ އިމާރާތްކުރުމާއި ބިނާރާބެހޭ ވުޒާރާއިން ކަމަށް ވަޒީރު ވިދާޅުވިއެވެ.

