އައްޑޫ ސިޓީ މަރަދޫ ގެއަކަށް ވައްކަން ކުރަން ވަން މީހަކު، އެ ގޭގައި އުޅޭ އުމުރުން ދުވަސްވީ މީހަކަށް އަނިޔާކުރި މައްސަލައެއް ބަލަން ފަށައިފިއެވެ.
ފުލުހުންގެ އޮފިޝަލަކު ”ހުވަދޫ” އަށް ވިދާޅުވީ މި މަހުގެ 10 ވަނަ ދުވަހުގެރޭ މަރަދޫ ގެއަކަށް ވައްކަން ކުރަން ވަން މީހަކު އެ ގޭގައި ދިރިއުޅޭ އުމުރުން ދުވަސްވީ މީހަކަށް އަނިޔާކުރި މައްސަލައެއް ރިޕޯޓުކޮށްފައިވާތީ އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
ނަމަވެސް މި މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް އޮފިޝަލު ވިދާޅުވިއެވެ.
އަނިޔާ ލިބުނު މީހާގެ ދަރިއަކު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މަރަދޫ ގުލްބަހާރުގޭގެ ދޮރެއް ހަލާކުކޮށްލައިގެން މީހަކު ވަގަށް ވަދެ އުޅެނިކޮށް، ބައްޕަ އެތަނަށް ވަނުމުން ބައްޕަ ކޮއްޕާ ވައްޓާލުމުގެ ސަބަބުން ބައްޕައަށް ޖިސްމާނީ އަދި ނަފްސާނީ އަނިޔާ ލިބިފައިވާ ކަމަށެވެ.
މިފަދަ ހާދިސާތައް އިތުރުވަމުން ދިއުމާއެކު، ތިން ހާހެއްހައި މީހުންގެ އާބާދީއެއް އޮންނަ މި ކުޑަކުޑަ މުޖުތަމައު ވަނީ ކުށްކުރާ މީހުންގެ ނުރައްކަލާ ކުރިމަތިލާންޖެހި، ބިރުވެރިކަމުގެ ތެރެއަށް ވެއްޓިފައިކަމަށް އޭނާ ބުންޏެވެ.
ވީމާ، ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން، އައްޑޫގައި އަދި ޚާއްސަކޮށް މަރަދޫގައި އަމަން އަމާންކަން ގާއިމުކޮށްދެއްވުމަށް، މަރަދޫގެ ކައުންސިލަރު އަލްފާޟިލް އަޙްމަދު ނާދިރު އަދި އައްޑޫ ސިޓީގެ މޭޔަރު އަލްފާޟިލް ޢަލީ ނިޒާރަށް އިހުތިރާމާއެކު އާދޭސް ދަންނަވަމެވެ. އޭނާގެ ޕޯސްޓު ނިންމާލަމުން ބުނެފައިވެއެވެ.

