ނ.އަތޮޅުން ފެށިގެން ތ.އަތޮޅަށް ހުދު ސަމާލު ނެރެފިއެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއިން އެ ސަރަހައްދުތަކަށް ހުދު ސަމާލު ނެރެފައިވަނީ މިއަދު 12:00 އިން 18:00 އަށެވެ.
އެ ސަރަހައްދުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ވަނީ ލަފާކޮށްފައެވެ.
މޫސުން ގޯސްވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފިއެވެ.
މެޓް އޮފީހުން ވަނީ މިއަދު ވެސް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށްފައެވެ.
ވޭތުވެދިޔަ 24 ގަޑިއިރުގައި އެންމެ ގިނައިން ވާރޭވެހުނު ކަމަށް ރެކޯޑު ކުރެވިފައިވަނީ ހުޅުލެއާއި، އއ.ތޮއްޑުއާއި ރ.އިފުރަށެވެ. އަދި ވައި އެންމެ ބާރުވިކަމަށް ރެކޯޑުކުރެވިފައިވަނީ ބ.ދަރަވަންދުއާއި، ކ.މާލެއާއި، ކ.ގާފަރަށެވެ.

