އަހަރުގެ ކޮންމެ ހިސާބެއްގައި ވެސް، އުމްރާއަށް މީހުންގެ ގެންދިއުމުގެ ހުއްދައަށް އެދި ހުށަހެޅޭނެ ގޮތް ހަދައި، ދިވެހިރާއްޖެއިން މީހުން އުމްރާއަށް ގެންދިއުމާ ގުޅޭ އާ އުސޫލު ގެޒެޓުކޮށްފިއެވެ.
މީގެ ކުރިން އަމަލުކުރަމުން އައި، "އުމްރާއަށް މީހުން ގެންދިއުމާބެހޭ އުސޫލު" ގައިވާ ގޮތުން، އެ ޚިދުމަތް ދިނުމަށް ޕްރޮޕޯޒަލް ހުށަހެޅޭނީ އެކަމަށް އިއުލާން ކުރުމުން އެކަންޏެވެ. އެގޮތުން 2022 ވަނަ އަހަރުގެ ފެބްރުއަރީމަހުގައި އަމަލުކުރަން ފެށި އެ ގަވައިދުގެ ދަށުން އުމްރާއަށް މީހުން ގެންދާނެ ފަރާތްތައް ހޯދަން އިއުލާނުކުރަމުން އައީ އަހަރަކު ދެ ފަހަރުއެވެ.
ނަމަވެސް މިދިޔަ ބުދަ ދުވަހު ގެޒެޓްކުރި އާ އުސޫލުގެ ދަށުން އަހަރަކު ކޮންމެ ހިސާބެއްގައި ވެސް، އުމްރާއަށް މީހުންގެ ގެންދިއުމަށް ހުއްދައަށް އެދި ޕްރޮޕޯސަލް ހުށަހެޅޭނެއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ މި ބަދަލު ގެނައީ އުމްރާއަކީ އަހަރުގެ ވަކި ދުވަސްވަރެއްގައި ކުރަންޖެހޭ އަޅުކަމަކަށް ނުވާތީއާއި، އަހަރުގެ އެކި ހިސާބުތަކުގައި އުމްރާގެ ދަތުރުކުރާ މިންވަރު ކުންފުނިތަކުގައި އިތުރުވެފައިވާތީ ކަމަށެވެ. އަދި ކުރިން އަހަރަކު ދެ ފަހަރު އިއުލާން ކުރާތީ ކުރު މުއްދަތުގެތެރޭގައި އިދާރީ ގޮތުން އެއްފަހަރާ ގިނަ ޕްރޮޕޯސަލްތަކެއް އެވަލުއޭޓް ކުރަންޖެހޭ ކަމަށާއި، ނަމަވެސް އުސޫލަށް ގެނައި ބަދަލާއެކު މިހާރު ޕްރޮޕޯސަލް އަންނަ މިންވަރަކުން ބަލައި ހުއްދަ ދެމުން ގެންދެވުމަކީ މިކަމަށް އިދާރީ ގޮތުން ކުރަން ޖެހޭ މަސައްކަތްތަކުގެ ދުވެލި އަވަސް ކުރުމަށްވެސް ލިބުނު އިތުރު ލުޔެއް ކަމަށް މިނިސްޓްރީން ބުންޏެވެ.
އުސޫލުގައިވާ ގޮތުން އުމްރާއަށް މީހުން ގެންދިޔުމަށް ހުއްދަ ދޭނީ 2 އަހަރުދުވަހުގެ މުއްދަތަށެވެ. އަދި ކޮންމެ 2 އަހަރަކުން އެއްފަހަރު ހުއްދަ އައުކުރުމަށް ހުށަހަޅަންޖެހޭނެއެވެ.
އާ އުސޫލުގެ މަގުސަދަކީ އުމްރާއަށް މީހުން ގެންދާ ފަރާތްތަކާއި، އުމްރާވެރީންގެ ހައްގުތައް ހިމާޔަތްކޮށްދީ، އުމްރާއަށް ދާން ބޭނުންވާ ދިވެހި ރައްޔިތުންގެ ފައިސާ ރައްކައުތެރިކަމާއެކު ބެލެހެއްޓޭނެ ގޮތްތަކާއި، ފެންވަރު ރަނގަޅު ޚިދުމަތެއް ލިބޭނެ ފަދަ އިންތިޒާމެއް ހަމަޖައްސައިދިނުމަށް މަގުފަހިކުރުމެވެ.
މީގެއިތުރުން ދިވެހިރާއްޖެއިން އުމްރާގެ ޚިދުމަތްދޭ ކުންފުނިތަކުގެ އުމްރާގެ ޚިދުމަތާ ގުޅޭ ކަންކަން ރެގިއުލޭޓްކޮށް ބެލެހެއްޓުމާއި، އުމްރާގެ ޚިދުމަތް ދެމުންދާއިރު އުފެދޭ ޝަކުވާތައް ބަލައި ފިޔަވަޅު އެޅުމާއި، އެ ކަންކަން ހައްލުކޮށްދިނުމުގެ ނިޒާމެއް ގާއިމުކުރުމާއި، އުމްރާއަށް މީހުން ގެންދާ ކުންފުނިތައް ޒިންމާދާރުކުރުވައި، މިކަމާ ގުޅޭގޮތުން ހަދައިފައިވާ އެންމެހައި ގަވާއިދުތަކާއި އުސޫލުތަކަށް އަމަލުކުރުވުމާއި، އުމްރާއަށް މީހުން ގެންދިޔުމުގެ ޚިދުމަތް ދިނުމުގައި ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ބާރުއެޅުމެވެ. އަދި އުމްރާގެ ޚިދުމަތްތައް ވަކި މިންގަނޑުތަކަކަށްވުރެ ދަށްނުވާނޭ ގޮތަށް އާންމު ރައްޔިތުންނަށް ފޯރުކޮށްދެވޭކަން ކަށަވަރުކުރުމަކީ ވެސް އާ އުސޫލުގެ މަގުސަދެކެވެ.

