ރަސްމީ ދަތުރުފުޅެއްގައި މޫސުމީ ބަދަލުތަކާ ތިމާވެށްޓާއި، ހަކަތައާބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ލ.އަތޮޅަށް ވަޑައިގެންފިއެވެ.
މޫސުމީ ބަދަލުތަކާ ތިމާވެށްޓާއި، ހަކަތައާބެހޭ ވުޒާރާއިން ބުނީ ވަޒީރު ޠާރިޤް، ލ.އަތޮޅަށް ވަޑައިގެންނެވީ މިއަދުގެ ވަގުތެއްގައި ކަމަށެވެ. މި ދަތުރުފުޅުގައި ވަޒީރުގެ އަރިހުގައި ވުޒާރާގެ އިސް ބޭފުޅުން ވެސް ބައިވެރިވެވަޑައިގަންނަވައެވެ.
މި ދަތުރުފުޅުގައި ވަޒީރު ވަނީ ފޮނަދުއަށް ވަޑައިގެން، އެ ރަށުގައި ހުންނަ ގްރީން ހައުސްއަށް ޒިޔާރަތްކުރައްވައިފައެވެ.
ލ.އަތޮޅު ދަނޑުވެރިންގެ ޖަމްއިއްޔާއިން ހިންގަމުންދާ މި ގްރީން ހައުސްއަށް ކުރެއްވި ޒިޔާރަތުގައި، ވަޒީރު ވަނީ އެ ތަނުގައި މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވައިލައްވައިފައެވެ.
އެންދެރި ކުދި ހިލޭ އެހީގެ ޕްރޮގްރާމްގެ ފުރަތަމަ ބުރުގެ ދަށުން ގާއިމުކުރެވުނު މި ގްރީން ހައުސްގެ ހައުސްގެ ސަބަބުން އެ ސަރަހައްދުގެ ދަނޑުވެރިކަމަށް ލިބޭނެ ކުރިއެރުމާބެހޭ ގޮތުން ވަޒީރު ވަނީ ދަނޑުވެރިންނާ ވެސް މަޝްވަރާކުރައްވާފައެވެ.
ވުޒާރާއިން ބުނީ ވަޒީރުގެ މި ޒިޔާރަތަކީ ސަރުކާރުން ރާއްޖޭގެ ދަނޑުވެރިކަން ކުރިއެރުވުމަށް ދެއްވާ އަހައްމިއްޔަތުކަމުގެ ހެއްކެއް ކަމަށާއި، ތިމާވެށްޓާ ރައްޓެހި ގޮތްތަކަށް ދަނޑުވެރިކަން ކުރުމަށް ބާރުއަޅުއްވާކަމުގެ ނިޝާނެއް ކަމަށެވެ. އަދި މިފަދަ ގްރީން ހައުސްތަކުގެ ސަބަބުން ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުވެ، އިމްޕޯޓަށް ބަރޯސާވާ މިންވަރު ދަށްވެގެންދާނެ ކަމަށް އުއްމީދުކުރެވޭ ކަމަށް މޫސުމީ ބަދަލުތަކާ ތިމާވެށްޓާއި، ހަކަތައާބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.

