ކުރީގެ ބޮޑުވަޒީރުގެ ދަރިކަނބަލުން އައްނަބީލާ ހަދީޖާ އިބްރާހީމް ދީދީ އަވަހާރަވުމާ ގުޅިގެން ރައީސް ޑރ މުއިއްޒު ތައުޒިޔާ ފޮނުއްވައިފި އެވެ.
އެކަމަނާ އަވަހާރަވިއިރު އުމުރުފުޅުން 68 އަހަރުފުޅެވެ.
އައްނަބީލާ ހަދީޖާ އިބްރާހީމް ދީދީ އަވަހާރަވެވަޑައިގެންފައިވަނީ އާލާސްކަންފުޅާ އުޅުއްވުމަށްފަހުއެވެ. އެކަމަނާގެ ޖަނާޒާ ނަމާދު މިއަދު މަގްރިބު ނަމާދަށްފަހު އާސަހަރާ މިސްކިތުގައި އޮންނާނެ ކަމަށް ވަނީ އިއުލާނު ކުރެވިފައެވެ.
އެކަމަނާ އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އެކްސް (ކުރީގެ ޓްވިޓަރ) ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އެކަމަނާއަކީ ދިވެހިރާއްޖޭގެ ތައުލީމީ ދާއިރާއާއި، އަންހެނުންނަށް ކުރިއެރުމާއި ފުރުސަތުތައް ފަހި ކޮށްދިނުމުގެ ދާއިރާއާއި، އަދި ހާރިޖީ ގުޅުންތަކުގެ ދާއިރާގައި ވެސް ސަރުކާރަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ.
"إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ….
ސުމުއްވުލް އަމީރު އަލްމަރުޙޫމް އިބްރާހީމް ފާމުދޭރި ކިލެގެފާނުގެ ދަރިކަނބަލުން އައްނަބީލާ ޚަދީޖާ އިބްރާހީމް ދީދީ އަވަހާރަވުމުގެ ހިތާމައިގާ ބައިވެރިވެ، މަރުޙޫމާގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވަމެވެ. އެކަމަނާ ވަނީ ދިވެހިރާއްޖޭގެ ތަޢުލީމީ ދާއިރާއާއި، އަންހެނުންނަށް ކުރިއެރުމާއި ފުރުޞަތުތައް ފަހިކޮށްދިނުމުގެ ދާއިރާއާއި، ޚާރިޖީ ގުޅުންތަކުގެ ދާއިރާގައިވެސް ސަރުކާރަށް ޚިދުމަތް ކުރައްވާފައެވެ.
މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރުޙޫމާ ޚަދީޖާ އިބްރާހީމް ދީދީ ލަހައްޓަވާށިއެވެ. އާމީން!" ރައީސް ޑރ މުއިއްޒު

