ހައިވޭގައި ދުއްވި ސައިކަލެއްގެ ހުންގާނު ކުޑަކުއްޖަކަށް ހިފަންދިން މައްސަލަ ރައްދުވާ ފަރާތް ފުލުސް އޮފީހަށް ގެންގޮސް ސުވާލުކޮށްފިއެވެ.
މި މައްސަލައާ ގުޅޭގޮތުން ފުލުހުން މަޢުލޫމާތު ދެމުން ބުނެފައިވަނީ، ހައިވޭގައި ކުޑަކުއްޖަކަށް ސައިކަލުގެ ހުންގާނު ދީގެން ދުއްވި މީހާ ހާޒިރުކޮށް އޭނާއާ ސުވާލުކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލައިގެ ތެރެއިން ކުޑަކުއްޖަކު ނުރައްކަލަށް ހުށަހެޅޭގޮތަށް ސައިކަލް ދުއްވި މައްސަލަ ވަކިކަމެއްގެ ގޮތުގައި އަދި ޓްރެފިކް ގަވާއިދާ ޚިލާފުވި މައްސަލަ ވަކިން ބަލަމުން އަންނަ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ވަނީ މިފަދަ މައްސަލަތައް ސީރިއަސްކޮށް ނަގައި ހަމަޖެހިފައިވާ އުސޫލުން ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދީފައެވެ.
އިއްޔެ މީސްމީޑިއާގައި އާންމުވި ވީޑިއޯއެއްގައި ފެނިފައިވަނީ، ސްކޫލް ޔުނީފޯމުގައި ހުރި ކުޑަ ފިރިހެން ކުއްޖަކު ސައިކަލުގެ ކުރިއަށް ލައިގެން ދިޔަ ފިރިހެނަކު، އެ ސައިކަލުގެ ހުންގާނު ކުއްޖާއަށް ދީގެން އިންތަނެވެ. އޭރު ފަހަތުގައި އިން މީހާ އިނީ، ސައިކަލުގެ ސްޕީޑުން އަތް ދޫކޮށްލައިގެން ކަނާއަތް ފައިމަތީގައި ބާއްވާލައިގެންނެވެ. އަދި ވަކި ހިސާބަކުން ފިރިހެން މީހާ، ހުންގާނުގައި ހިފާތަންވެސް ފެނިފައިވެއެވެ.
މި ވީޑިއޯ އާންމުވުމާއެކު ގިނަ ބައެއްގެ ފާޑުކިޔުންތައް އެ ފިރިހެން މީހާއަށް ވަނީ އަމާޒުވެފައެވެ.
ބްރިޖާއި ހައިވޭގައި ޓްރެފިކް ގަވާއިދާ ޚިލާފަށް އުޅަނދު ދުއްވާ މީހުންގެ މައްސަލަތައް ދޭތެރެއަކުން ފެންމަތިވަމުން އަންނަ ކަމަށާއި، މިފަދަ މައްސަލަތަކަށް ފުލުހުން އަންނަނީ ޚާއްޞަ ސަމާލުކަމެއް ދީގެން ބަލަމުންނެވެ. އަދި މައްސަލަތައް ތަޙުޤީޤުކުރުމަށްފަހު ހަމަޖެހިފައިވާ އުސޫލުގެ ދަށުން ފިޔަވަޅު އަޅަމުންދާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

