މޫސުން ގޯސްވުމާ ގުޅިގެން، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް) އިން "ކެލައައްޑުއަށް" ނުވަތަ ހއ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.
ކެލައައްޑުއަކީ ހއ.ކެލައިން ފެށިގެން އައްޑުއާ ހަމައަށް ހިމެނޭ ހުރިހާ ރަށްތަކަށް އިހުގައި ކިޔާ އުޅުނު ނަމެކެވެ.
މެޓް އޮފީހުން މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފައިވަނީ މިރޭ 18:00 އިން ފެށިގެން 00:00 އާ ހަމައަށެވެ.
މެޓް އޮފީހުން ވަނީ އެ ސަރަހައްދުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށްފައެވެ.

މެޓް އޮފީހުން މިރޭގެ މޫސުން ލަފާކޮށްފައިވާ ގޮތް.
މެޓް އޮފީހުން ހާމަކުރި ގޮތުގައި އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތަކުގައި ރާޅުގެ އުސްމިން ހުންނާނީ 4-7 ފޫޓުގައެވެ. އަދި ދެކުނުގެ ކަނޑުތަކުގައި ރާޅުގެ އުސްމިން ހުންނާނީ 3-5 ފޫޓުގައެވެ.
މީގެއިތުރުން މިރޭ ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.
މެޓް އޮފީހުން ވަނީ ހުރިހާ ފަރާތްތަކުން އަދި ވަކިން ޚާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ވެސް އިލްތިމާސްކޮށްފައެވެ.

މިއަދުގެ 18:15 ގެ ސެޓެލައިޓް ފޮޓޯ.
މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށްވުމާއެކު، ކަނޑު ދަތުރުފަތުރުތައް ފެށުމުގެ ކުރިން މޫސުމާބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދައި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ފުލުހުންގެ ޚިދުމަތުން ވަނީ އިލްތިމާސްކޮށްފައެވެ.
އެގޮތުން މޫސުމާބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށާއި، އުޅަނދުގައި ސަލާމަތީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަވެފައިވޭތޯ ޔަގީންކުރުމަށާއި، އުޅަނދަށް އެކަށީގެންވާ ވަރަށްވުރެ އިތުރަށް މީހުން ނޭރުވުމާއި، އުޅަނދަކަށް ކަނޑައެޅިފައިވާ މިންގަނޑަށްވުރެ އިތުރަށް މުދާ ބަރުނުކުރުމަށް ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
މީގެއިތުރުން މި ދުވަސްވަރަކީ ވައިގަދަ، ވިއްސާރަ ދުވަސްވަރަކަށްވުމާއެކު، ސިނަމާލެ ބުރިޖު އަދި ހައިވޭއިން ދަތުރުކުރާއިރު، ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލައިގެން އުޅަނދު ދުއްވުމަށް ވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
އެގޮތުން ސައިކަލު ދުއްވާއިރު ކުޑަ ނަގައިގެން ނުދުއްވުމަށާއި، ފަސޭހައިން ހަލާކުވެ، ވަޔާ ދާ ފަދަ ކޯޓު ބޭނުންނުކުރުމަށާއި، ހެލްމެޓު ވެސް ވަޔާ ނުދާނޭހެން ރަނގަޅަށް އެޅުމަށާއި، އުޅަނދުގެ ލައިޓުތައް ދިއްލޭތޯ ބަލައި، ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްފަހު އުޅަނދު ދުއްވުމަށް ފުލުހުން ވަނީ އިރުޝާދު ދީފައެވެ.
މީގެއިތުރުން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ އާންމު ރައްޔިތުންގެ މުދަލާއި ގެދޮރަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމަށް ދުރާލާ މަސައްކަތް ކުރުމަށް އިލްތިމާސްކޮށްފައެވެ.
އެގޮތުން ވާރޭވެހި ފެންބޮޑުވެދާނެ ކަމަށް ތައްޔާރުވުން ގެއަށް ފެން ނުވަންނާނެހެން ރައްކާތެރި ފިޔަވަޅު އެޅުމާއި، ގޭތެރޭގައި ފެންބޮޑުވެއްޖެ ހިނދެއްގައި ގެއްލުންވެދާނެފަދަ މުދާ ފެން ނުޖެހޭފަދަ އުސް ތަންތަނަށް ބަދަލުކުރުމާއި، އުސްތަންތަނަށް ބަދަލު ނުކުރެވޭފަދަ ތަކެތި ފެނުގެ އަސަރު ނުފޯރާ ތަނަކަށް ބަދަލުކުރުމާއި، ގަދަވައިގެ ސަބަބުން ފުރާޅު އެއްލައިލާނެކަމަށް ލަފާކުރެވޭނަމަ ކުރިއާލައި ވައުފަދަ އެއްޗެއް ބޭނުންކޮށްގެން ފުރާޅު އެއްލާނުލާފަދަ ގޮތަކަށް ހައްޔަރުކުރުމާއި، ގަދަވައިގެ ސަބަބުން އެއްލާލާފާނެ ތަކެތި ބަނދެ ރައްކާތެރި ކުރުންފަަދަ ފިޔަވަޅުތައް އެޅިދާނެއެވެ.
ހަމައެހެންމެ ބޭނުން ނުކުރާނަމަ، ކަރަންޓުން ބޭނުންކުރާ ތަކެތި ނިއްވާލައިފައި ބެހެއްޓުމާއި، ކާޑުގެ ބާވަތްތަކާއި ޒަރޫރީ ތަކެއްޗަށް ދަތިނުވާނެ ގޮތަށް ދުރާލައި ކަންކަން ރޭވުމަކީ ވެސް ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމަށް ދުރާލާ އެޅިދާނެ ފިޔަވަޅުތަކެވެ.
އެންޑީއެމްއޭއިން ވަނީ މި ކަންކަމަށް ރަށު ފެންވަރުގައި ރައްޔިތުން ހޭލުންތެރިވެ، ޚާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައެވެ.

