ހަތަރު ފުޅި ދިޔާހަކުރު ވަގަށް ނެގި ކަމުގެ ތުހުމަތުގައި ޅ. ނައިފަރު 27 އަހަރުގެ ފިރިހެނަކު ފުލުހުން ވަނީ ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހަށް ބަންދުކުރުމަށް އެ ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި މީހާގެ މައްޗަށް ތުހުމަތުކުރެވޭ ކުށް ކުރިކަމަށް ބެލެވޭ މިންވަރެއްގެ ހެކި ހުށަހަޅާފައިވެއެވެ. މީގެ ތެރޭގައި ހާދިސާ ހިނގި ތަނަށް ދިޔަ ފުލުހުންގެ ރިޕޯޓާއި މައްސަލަ ހުށަހެޅި ފަރާތުގެ ބަޔާން ހިމެނެއެވެ.
ކޯޓުގައި ތުހުމަތުކުރެވޭ ފަރާތުން ބުނެފައިވަނީ ވަކީލެއް ބޭނުންނުވާ ކަމަށާއި، އެ ހަތަރު ފުޅި ދިޔާހަކުރަކީ އޭނާ ވަގަށް ނެގި އެއްޗެއް ނޫން ކަމަށެވެ. އޭނާ ބުނެފައިވާ ގޮތުގައި، އެ ފުޅިތަކަކީ ބަޔަކު ނަގާފައި ތަނެއްގައި ބަހައްޓާފައި ހުއްޓާ ފެނިގެން ނެގި އެއްޗެކެވެ. އެހެންނަމަވެސް، ސީނުގައި ތިބި ފުލުހުންނަށް އޭނާ ބުނެފައިވަނީ ދިޔާހަކުރު ފުޅިތައް ނެގީ ޕިކަޕެއްގެ ދަށުން ކަމަށެވެ.
މާލޭ މާރުކޭޓުގެ 154 ނަންބަރު ގޮޅިން ހަތަރު ފުޅި ދިޔާހަކުރު ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވާކަން އިންވެސްޓިގޭޓިންގ އޮފިސަރ ފާހަގަކޮށްފައިވެއެވެ.
ހައްޔަރުކުރެވުނު މީހާ ބުނެފައިވަނީ އޭނާއަށް ޕްލާސްޓިކް ސާޖަރީއެއް ހަދަން ޖެހިފައިވާ ކަމަށާއި، އަންނަ ހަފުތާއަށް އެޕޮއިންޓްމަންޓް ލިބިފައިވާ ކަމަށެވެ. ނަމަވެސް، މެޑިކަލް ޑޮކިއުމަންޓް އަދި ލިބިފައި ނުވާކަން އިންވެސްޓިގޭޓިންގ އޮފިސަރ ފާހަގަކޮށްފައިވެއެވެ. މި ކަންކަން ބެލުމަށްފަހު އެކަން ފަހިކޮށްދިނުމަށް އިންވެސްޓިގޭޓިންގ އޮފިސަރަށް ކޯޓުން އަންގާފައިވެއެވެ.
މި މައްސަލައިގައި ހައްޔަރުކުރެވުނު މީހާއަކީ ކުރިން ވެސް ހައްޔަކޮށް އަދި ބަންދުކޮށްފައިވާ ކުށުގެރެކޯޑެއް އޮތް ފަރާތެކެވެ.

