ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް، ރާއްޖޭގެ މިސްކިތްތަކުގައި ކީރިތި ޤުރްޢާން ހިލޭ އުނގަންނައިދިނުމުގެ ޕްރޮގްރާމު ފަށައިފިއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ ރައީސް ޑރ. މުޢިއްޒުގެ "ދިވެހީންގެ ރާއްޖެ" މެނިފެސްޓޯގައިވާ ކީރިތި ޤުރްޢާން ހިލޭ އުނގެނުމުގެ ފުރުސަތު ހޯދައިދިނުމުގެ މަސައްކަތުގެ ދަށުން، ރާއްޖޭގެ 29 ރަށެއްގައި މިސްކިތު ޤުރްޢާން ކުލާސް ފަށާފައިވާ ކަމަށެވެ.
މިކަމަށްޓަކައި އެ މިނިސްޓްރީގައި ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައިވާއިރު، އެ ރަސްމިއްޔާތުގައި ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މިސްކިތު ޤުރްޢާން ކުލާސްތައް ފެށުމަށްޓަކައި އިސްލާމިކް މިނިސްޓްރީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: އިސްލާމިކް މިނިސްޓްރީ
މިނިސްޓްރީން ބުނީ މި ޕްރޮގުރާމް މިހާރު ފަށާފައިވަނީ ރާއްޖޭގެ 14 އަތޮޅެއްގެ އިތުރުން މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގައި ކަމަށެވެ.
މި ޕްރޮގުރާމްގެ ކުލާސްތައް ކުރިއަށްދާނީ އަޞްރު ނަމާދާއި، މަޣްރިބް ނަމާދު ފަހުންނެވެ. މި ކުލާސްތަކުގައި ކިޔަވައިދެއްވަނީ މިސްކިތްތަކުގެ އިމާމުންނެވެ.
ކުރިއަށް އޮތްތަނުގައި ރާއްޖޭގެ އިތުރު ރަށްރަށުގައި ވެސް މި ކުލާސްތައް ކުރިއަށް ގެންދިއުމަކީ ވުޒާރާގެ ވިސްނުމެއް ކަމަށް ވަޒީރު ޑރ. ޝަހީމް ވަނީ ވިދާޅުވެފައެވެ.
މިދިޔަ ސެޕްޓެމްބަރު 4 ވަނަ ދުވަހު ފާހަގަކުރި ރާއްޖޭގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ރައީސް ޑރ. މުޢިއްޒު ދެއްވި ތަގުރީރުގައި ވިދާޅުވެފައިވަނީ ދިވެހި ގައުމިއްޔަތުގެ މަދަކީ މާތްވެގެންވާ އިސްލާމްދީން ކަމަށާއި، ދީނީ ކަންކަން ހަރުދަނާކޮށް މަގުތައް ފަހިކުރުމަކީ އެމަނިކުފާނުގެ ސަރުކާރުގެ އަމާޒެއް ކަމުގައެވެ.
ރައީސް ވިދާޅުވެފައިވަނީ ކީރިތި ޤުރްޢާން ހިތުދަސް ހާފިޒުންގެ އަދަދު މުޅި ރާއްޖޭގައި އިތުރުކުރުމަށްޓަކައި ހާފިޒުންގެ ޕްރޮގްރާމް އިތުރަށް ފުޅާކުރަމުން މިދަނީ ވެސް މި ސަބަބަށްޓަކައެވެ. އޭގެ ބޭނުމަކީ ސައްތައިންސައްތަ އިސްލާމީ އިލްމީ ކިއްލާއެއްގެ ގޮތުގައި މި ރާއްޖެ ދާއިމަށް ބޭއްވުން ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

ރާއްޖޭގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ރައީސް ޑރ. މުޢިއްޒު ތަގުރީރު ކުރައްވަނީ. ފޮޓޯ: ރައީސް އޮފީސް
އެ ދުވަހު ދެއްވި އަސަރުގަދަ ތަގުރީރުގައި އެމަނިކުފާނު ވަނީ
ފަތިހު ހޭލާ ދިވެހި ގައުމެއް ބޭނުންފުޅުވާ ކަމަށާއި، "ހެނދުނާއި ދެނަމާދު ދޭތެރޭ ކީރިތި ޤުރްޢާން ކިޔެވުމުގައި ކުޑަކުދީން ޝައުގުވެރިކަމާއެކު އުޅޭ ދިވެހި ގައުމެއް ދެކެން އަޅުގަނޑު ބޭނުން" ކަމަށް ވިދާޅުވެފައެވެ.

