މިހާތަނަށް 469 މުވައްޒަފުން އެ ކުންފުނީގެ ލީޑަރޝިޕް އެންހޭންސްމަންޓް ޕްރޮގްރާމް ފުރިހަމަކޮށްފައިވާ ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ޙުސައިން ފަހުމީ މިރޭ ވިދާޅުވެއްޖެއެވެ.
އެމްޑީ ފަހުމީ މިކަން ހާމަކުރެއްވީ ސްޓެލްކޯގެ 51 މުވައްޒަފުންނާއެކު ގިރިފުށީގައި ކުރިއަށްގެންދިޔަ ލީޑަރޝިޕް އެންހޭންސްމަންޓް ޓްރެއިނިންގ ޕްރޮގްރާމްގެ 7 ވަނަ ބެޗު ކާމިޔާބު ކަމާއެކު ނިންމައިލެވުނުކަން ފާހަގަކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ފަހުމީ ވިދާޅުވީ ކާމިޔާބުކަމާއެކު ޕްރޮގްރާމު ނިންމައިލުމަށްފަހު، ސްޓެލްކޯގެ ޓީމްގެ 51 މެންބަރުން ރައްކާތެރިކަމާއެކު އެނބުރި އައުމަކީ ލިބިވަޑައިގަންނަވާ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
މީގެއިތުރުން ފަހުމީ ވިދާޅުވީ މިހާތަނަށް 469 މުވައްޒަފުން ތަމްރީނުކޮށްފައިވާއިރު، މިކަމުން ދައްކުވައިދެނީ ހަރުދަނާ ލީޑަރޝިޕެއް އުފައްދައި އުޖާލާ މުސްތަގުބަލަކަށް ގެންދިއުމަށް ސްޓެލްކޯއިން ކުރަމުން އަންނަ މަސައްކަތް ކަމަށެވެ.
ފަހުމީގެ ޕޯސްޓު ނިންމަވައިލައްވަމުން ވަނީ ޒުވާނުންގެ ކުރިއެރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަމުން ގެންދަވާ ހިތްވަރާއި، ދުރުވިސްނުންތެރި މަސައްކަތްޕުޅު ފާހަގަކުރައްވައި، އެމަނިކުފާނަށް ޚާއްސަ ޝުކުރެއް ދަންނަވައިފައެވެ.
ލީޑަރޝިޕް އެންހޭންސްމަންޓް ޓްރެއިނިންގ ޕްރޮގްރާމްގެ 7 ވަނަ ބެޗު ފެށުމާ ގުޅިގެން މިދިޔަ މަހުގެ 27 ވަނަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަހުމީ ވިދާޅުވެފައިވަނީ މި ޕްރޮގްރާމުގެ ސަބަބުން މުވައްޒަފުންނަށާއި މުޅި ސްޓެލްކޯއަށް ވެސް ކާމިޔާބު މުސްތަގުބަލަކަށް މަގުފަހިވެގެންދާނެ ކަމަށެވެ. އަދި ކުރިއަށް އޮތް 12 މަސް ދުވަހުގެ ތެރޭގައި ކޮންމެ މުވައްޒަފަކަށްވެސް މި ފުރުސަތު ފޯރުކޮށްދިނުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ފަހުމީ ވިދާޅުވެފައިވެއެވެ.

