ސައުތު އޭޝިއާ ލާޑްލީ މީޑިއާ އެންޑް އެޑްވަޓައިޒިން އެވޯޑްސް ފޮރ ޖެންޑަރ ސެންސިޓިވިޓީ (ސަލްމާގްސް) އިން ދޭ އެވޯޑު ރާއްޖޭގެ ދެ ނޫސްވެރިންނަށް ލިބިއްޖެއެވެ.
މި މަހުގެ 11 ވަނަ ދުވަހުގެ ރޭ އިންޑިއާގެ މުމްބާއީގައި ބޭއްވި ހަފުލާގައި ރާއްޖެއިން އެވޯޑު ހާސިލުކުރީ ކަމަށްވާ ރާއްޖޭގެ ތަޖުރިބާކާރު ނޫސްވެރިއެއް ކަމަށްވާ ޒަމްޢަތު އަޙްމަދު ވަޙީދާއި، އޭއޯ ނިއުސްގެ އެޑިޓަރު ޢާއިޝަތު މުޙައްމަދެވެ.
މި އެވޯޑަކީ ޖިންސާމެދު އާންމުން ދެކޭ ގޮތް ބައްޓަންކޮށް، އިންސާފުވެރި މުޖުތަމައުއެއް ބިނާކުރުމުގައި މީޑިއާއިން އަދާކުރާ ރޯލުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ އެވޯޑެކެވެ.
ބައިނަލްއަގުވާމީ މީޑިއާގައި ޖެންޑަރ ސެންސިޓިވިޓީ ކުރިއެރުވުމަށް ވޭތުވެދިޔަ 20 އަހަރު މަސައްކަތްކޮށްފައިވާ މުމްބާއީގެ ޖަމްއިއްޔާއެއް ކަމަށްވާ ޕޮޕިއުލޭޝަން ފަސްޓުން އިސް ނަގައިގެން ދޭ މި އެވޯޑު ދޭން ފެށިތާ މިއީ 4 ވަނަ ފަހަރެވެ.
އެންމެ ފުރަތަމަ ދެފަހަރު މި އެވޯޑު ދީފައިވަނީ އިންޑިއާގެ ނޫސްވެރިންނަށް ކަމުގައިވިޔަސް، މިދިޔަ އަހަރު މި އެވޯޑުގައި ރާއްޖެ ހިމެނޭހެން ދެކުނު އަޭޝިޔާގެ ބައެއް ގައުމުތައް ހިމެނިފައިވެއެވެ.
މިފަހަރު އެވޯޑު ހާސިލުކުރި ދެ ނޫސްވެރިންގެ ތެރެއިން ޒަމްޢަތަކީ 2006 އިން ފެށިގެން މީޑިއާގެ ދާއިރާގައި މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އޭނާ ވަނީ ދިވެހިރާއްޖޭގެ އަޑާއި، ޓީވީއެމްއާއި، ޕީއެސްއެމްއާއި، ވީޓީވީއާއި، ރާއްޖެ ޓީވީގައި ނޫސްވެރިއެއްގެ ހައިސިއްޔަތުންނާއި، އެޑިޓަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައެވެ.
އިސްލާމިކް މިނިސްޓްރީގެ ޕީއާރުގެ މަސައްކަތް ވެސް ކުރައްވާފައިވާ، މިހާރު އެ މިނިސްޓްރީގެ އިސްލާމިކް ސްޓޫޑިއޯގެ ސީއީއޯގެ މަގާމު އަދާކުރާ ޒަމްޢަތު ވަނީ ދަރިވަރު ނިއުސްއާއި، ޒީ ޓައިމްސްއާއި، އައްޑަނަ މަޖައްލާއާއި، ހިދާޔަތުގެ އަލި މަޖައްލާއަށް ވެސް ލިޔުއްވައިފައެވެ.
ާޢާއިޝަތު މުޙައްމަދު ނޫސްވެރިކަމުގެ ދާއިރާގެ ބިންގާ އެޅީ 1998 ވަނަ އަހަރު ދިވެހިރާއްޖޭގެ އަޑުންނެވެ. އެތަނުން އައްޑޫގައި ގާއިމްކުރި ސ.މީޑިއާ ސެންޓަރުގައި މެދުނުކެނޑި 14 އަހަރު ޚަބަރާއި ޕްރޮގްރާމް އުފެއްދުމުގައި ހޭދަކުރުމަށްފަހު “އައްޑޫއޮންލައިން” މިހާރު “އޭއޯނިއުސް” ގެ ފުރަތަމަ އެޑިޓަރުގެ ގޮތުގައި 5 އަހަރު ހޭދަކޮށްފައިވެއެވެ. އެއަށްފަހު ރާއްޖެ އެމްވީ އަދި އޭއޯ ނިއުސްގައި ވެސް އޭނާ ދަނީ މަސައްކަތް ކުރައްވަމުންނެވެ. ޢާއިޝަތު މުޙައްމަދު އާއްމުގޮތެއްގައި ލިޔަނީ އިޖުތިމާއީ، އިގްތިސާދީ އަދި އާއްމު ދިރިއުޅުމާއި ތާރީޚާއި ސަގާފަތާއި ގުޅުންހުރި ލިޔުންތަކެވެ.

