މެލޭޝިއާގެ ވެރިރަށް ކުއަލަ ލަމްޕޫރުގައި މިއަދު ނިމިގެން ދިޔަ 64 ވަނަ "މެލޭޝިއަން އިންޓަނޭޝަނަލް އަލްގުރްއާން ރިސައިޓޭޝަން އެންޑް މެމޮރައިޒޭޝަން އެސެމްބްލީ" (އެމްޓީއެޗްކިއުއޭ) މުބާރާތުން ދިވެހި ދަރިވަރު ފާތިމަތު ޝާޔާ ޒާހިރަށް ތިން ވަނަ ލިބިއްޖެއެވެ.
މި މަހުގެ 5 އިން މިއަދުގެ ނިޔަލަށް ކުރިއަށް ދިޔަ މި މުބާރާތުގައި 52 ގައުމަކުން 76 ބައިވެރިން ވާދަކޮށްފައިވެއެވެ. މި މުބާރާތުގެ ފެށުމުގށުމުގެ ރަސްމިއްޔާތުގައި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ބައިވެރިވެ ވަޑައިގެންނެވިއެވެ.
ޝާޔާ މި ހޯދި ކާމިޔާބީއަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ މަރުހަބާ ދަންނަވައި، މިއީ ރާއްޖެއަށް ލިބުނު ފަޚުރެއް ކަމުގައި ވިދާޅުވެފައެވެ.
އިސްކަންދަރު ސްކޫލުގައި ތައުލީމު ހާސިލުކުރަމުންދާ ޝާޔާ ވަނީ އުމުރުން 10 އަހަރުގައި ގުރުއާން ހިތުދަސްކޮށްފައެވެ. މީގެ އިތުރުން، މިދިޔަ އަހަރުގެ އޭޕްރީލް މަހު މިސްރުގައި ބޭއްވުނު ބައިނަލްއަގުވާމީ ގުރުއާން މުބާރާތަކުން ދެވަނަ ހޯދައި، އެ ގައުމުގެ ރައީސް އަބްދުލްފައްތާހް އަލް-ސީސީގެ އަތްޕުޅުން އިނާމު ލިބިގަތުމުގެ ޝަރަފު ވެސް ޝާޔާއަށް ލިބިފައިވެއެވެ. އަދި މި އަހަރު ބޭއްވުނު ރާއްޖޭގެ ގައުމީ ގުރުއާން މުބާރާތުގެ ހާފިޒުންގެ ބައިން އެއްވަނަ ހާސިލުކުރުމުގެ ފަޚުރުވެރިކަން ވެސް ޝާޔާއަށް ލިބިފައިވެއެވެ.
މި ކާމިޔާބީއަކީ ދިވެހި ދަރިވަރުންގެ ހުނަރާއި ގާބިލުކަން ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކުރެވިގެންދިޔަ ފަޚުރުވެރި ވަަގުތެއް ކަމުގައި ބެލެވެއެވެ.

