ހުޅުމާލޭގެ 10 ތަނެއް ބަލައި ފާސްކޮށް، ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ އިތުރު ބިދޭސީންތަކެއް އަތުލައިގެންފިއެވެ.
ރޭގެ ވަގުތެއްގައި އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އިއްޔެ ހުޅުމާލޭގެ 10 ތަނެއް ބަލައި ފާސްކޮށް، 9 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
މި އޮޕަރޭޝަނުގައި ފުލުހުންގެ ޚިދުމަތުން ވެސް ބައިވެރިވިއެވެ.
ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށް އިމިގްރޭޝަނުން ދަނީ މާލެ ސަރަހައްދުގައި ޚާއްސަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ.
އިމިގްރޭޝަނުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެން މިދިޔަ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހާ ހަމައަށް ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅުނު 4,054 ބިދޭސީން ވަނީ އަނބުރާ އެ މީހެއްގެ ގައުމަށް ފޮނުވާލާފައެވެ.
ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތުގެ ދަށުން މާލޭގައި ހިންގާ އޮޕަރޭޝަންގެ އިތުރުން މީހުން ދިރިއުޅޭ އެހެން ރަށްރަށާއި، ރިސޯޓުތަކާއި، ސިނާއީ ރަށްތަކާއި، ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގައި ދިރިއުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.
މީގެއިތުރުން އާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާފަދަ ގޮތަށް ކާބޯތަކެތި ތައްޔާރުކުރާ ތަންތަން ބަލައި ފާސްކުރުމަށް ޚާއްސަ އޮޕަރޭޝަނެއް ފަށައި މިހާތަނަށް ގިނަ އަދަދެއްގެ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.

