އިއްޔެ ފާހަގަކުރި ސްޕެއިންގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ޚާރިޖީ ވަޒީރު، ޑޮކްޓަރު ޢަބްދުﷲ ޚަލީލް ތަހުނިޔާ ފޮނުއްވައިފިިއެވެ.
ސްޕެއިންގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ޔޫރަޕިއަން ޔޫނިއަން އެންޑް ކޯޕަރޭޝަން، ހޯޒޭ މަނުއެލް އަލްބަރޭސް ބުއޭނޯއަށް ފޮނުއްވި މެސެޖުގައި ވަޒީރު ޑރ. ޚަލީލު ވަނީ ސްޕެއިންގެ ގައުމީ ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނަށާއި، ސްޕެއިންގެ ރައްޔިތުންނަށް ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، ތަހުނިޔާ ފޮނުއްވުމަކީ ލިބިވަޑައިގަންނަވާ ނުހަނު ބޮޑު އުފަލެއްކަން ފާހަގަކުރައްވާފައެވެ.
ދިވެހިރާއްޖެއާއި ސްޕެއިންއާ ދެމެދު އޮންނަ ގުޅުމަށް 45 އަހަރުވެގެން ދިޔައިރު، ގަބޫލު ކުރެއްވެނީ ސްޕެއިނަކީ ރާއްޖޭގެ ދެމެހެއްޓެނިވި ބައިވެރިއެއް ކަމަށް ކަމަށާއި، ކުރިއަށް އޮތް އަހަރުތަކުގައި ވެސް މި ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް ޑރ. ޚަލީލު ވިދާޅުވިއެވެ.
ޑރ. ޚަލީލުގެ މެސެޖު ނިންމަވައިލައްވަމުން ވަނީ ހޯޒޭ މަނުއެލް އަލްބަރޭސް ބުއޭނޯއަށާއި، ސްޕެއިންގެ ރައްޔިތުންނަށް ދުޅަހެޔޮ ސިއްހަތަކާއި ތަނަވަސްކަން ލިބުމަށް އެދިވަޑައިގެންފައެވެ.

