ލ.އަތޮޅުގެ ރައުސްމާލު ހިސާބުކިތާބު ކުރުމަށް ފެށުމުގެ ގޮތުން އެންދެރި މަޝްރޫއުން ފަށާފައިވާ އެ އަތޮޅުގެ ގުދުރަތީ ވަސީލަތްތައް ވަޒަން ކުރުމުގެ މަސައްކަތް ނިމުމަކާ ކައިރިވެފައިވާ ކަމަށާއި، މުޅި ރާއްޖޭގައި ވެސް މި މަސައްކަތް ފަށާނެ ކަމުގައި މޫސުމީ ބަދަލުތަކާއި، ތިމާވެށްޓާއި، ހަކަތައާބެހޭ ވަޒީރު ޠާރިޤް އިބްރާހިމް އިއްޔެ ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ އެންދެރި ސްމޯލް ގްރާންޓްސް 2024 ހަވާލުކުރުމަށް ލ.ފޮނަދޫގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ގުދުރަތީ މުއްސަނދިކަން ވަޒަން ކުރުމުގެ މުހިންމުކަމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.
ވަޒީރު ވިދާޅުވީ ބޭރުގެ ގިނަ ގައުމުތަކުގައި އެ ބައެއްގެ މުހިންމު ގުދުރަތީ ވަސީލަތްތަކުގެ އަގު ވަޒަން ކުރެވިފައިވާ ކަމަށާއި، ނަމަވެސް ރާއްޖޭގެ އެންމެ މުހިންމު ވަސީލަތްތައް ކަމަށްވާ ފަރުތަކާއި، ކުޅިފާޗަސްބިންތަކާއި، މޫދުވިނައިގެ މާހައުލީ ނިޒާމުތައް މިހާތަނަށް އޮތީ ވަޒަން ނުކުރެވި ކަމަށެވެ.
ގުދުރަތީ މާހައުލުގެ ކެޕިޓަލް އެކައުންޓިންއާއެކު ރާއްޖޭގެ ތިމާވެށީގެ ނިޒާމާއި، ބަޔޯ ޑައިވަރސިޓީގެ މުއްސަނދިކަން ދެނެގަނެވި އޭގެ އަގުވަޒަން ކުރެވޭނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
އޭގެ ސަބަބުން ގުދުރަތީ މާހައުލާއި، ގުދުރަތީ ވަސީލަތްތައް ބޭނުންކުރުމުގައި ދެމެހެއްޓެނިވި ސިޔާސަތުތައް ތަންފީޒުކުރަން މަގުފަހިވާނެކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
އެންދެރި މަޝްރޫއުގެ ދަށުން ހިންގާ މި މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ އޮސްޓްރޭލިއާގެ އުނިވަރސިޓީ އޮފް ނިއު ސައުތް ވޭލްސްއާއެވެ. އެ މަސައްކަތުގެ ދަށުން ލ.އަތޮޅުގެ މުރަކަ ފަރުތަކާއި، މޫދު ވިނައާއި، ކުޅިފާޗަސްބިންތަކުގެ މިންވަރާ ފެންވަރު ބެލުމުގެ ދިރާސާތަކެއް މި އަހަރު ތެރޭގައި ވަނީ ކޮށްފައެވެ.
މި މަސައްކަތުގައި ކޮށްފައިވާ ދިރާސާތަކުގެ ނަތީޖާ އާންމު ކުރުމަށާއި، މިކަމާ ގުޅިގެން ކަމާބެހޭ މުއައްސަސާތަކަށް ދޭން ޖެހޭ ތަމްރީން ދިނުމަށް، ޔޫއެންއެސްޑަބްލިއުގެ ޓީމެއް އަންނަ މަހުގައި ރާއްޖެއަށް ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައެވެ.

