ހުޅުމާލޭ ދެވަނަ ފިޔަވަހިން ދިރިއުޅުމަށް އިތުރު 18 ބިމެއް ބީލަމުގެ އުސޫލުން ވިއްކުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ހުޅުވާލައިފިއެވެ.
އެޗްޑީސީއިން މިދިޔަ މެއި މަހުގައި ހުޅުމާލެ ބީޗު ސައިޑުން 13 ބިމެއް ވިއްކަން ވެސް ހުޅުވައިލިއެވެ.
މި ލިސްޓަށް 18 ބިމެއް އިތުރުކޮށް އެޗްޑީސީއިން ވަނީ އެ ބިންތައް ގަތުމުގެ ފުރުސަތު ހުޅުވައިލާފައެވެ.
މި ބިންތަކުގެ ތެރޭގައި ހިމެނެނީ ބީޗް ސައިޑުން 16 ބިމަކާއި، ބީޗް ފްރަންޓުން ދެ ބިމެކެވެ. އޭގެތެރޭގައި 1,316 އަކަފޫޓޫގެ 15 ބިމާއި، 1,584 އަކަފޫޓުގެ ބިމަކާއި، 1,454 އަކަފޫޓުގެ ބިމަކާއި، 1,261 އަކަފޫޓުގެ ބިމެއް ހިމެނެއެވެ.
ބީލަމުގައި ބައިވެރިވެވޭނީ ހަމައެކަނި ދިވެހިންނަށެވެ. އަދި 100 އިންސައްތަ ދިވެހިންގެ ހިއްސާ އޮންނަ ކުންފުނިތަކަށް ވެސް ބީލަމުގައި ބައިވެރިވެވޭނެއެވެ.
އެޗްޑީސީއިން ބުނީ ބީޗް ސައިޑުގެ ބިންތަކުގެ ބީލަން ފެށޭނީ އަކަފޫޓަކަށް 4,000 ރުފިޔާއިން ކަމަށާއި، ބީޗް ފްރަންޓްގެ ބިންތަކުގެ ބީލަން ފެށޭ އަގަކީ އަކަފޫޓަކަށް 4,500 ރުފިޔާ ކަމަށެވެ.
ބީލަން ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަމުގެ އުސޫލުން ބިން ގައުމަށް އެދި ހުށަހަޅާނީ އެޗްޑީސީގެ ބިޑް ޕޯޓަލް މެދުވެރިކޮށެވެ.

