އިދިކޮޅު އެމްޑީޕީއަށް ލާމަރުކަޒީ ނިޒާމުގެ ވާހަކަ ނުދެއްކޭނެ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ރައްދު ދެއްވައިފިއެވެ.
އެމްޑީޕީގެ ފަރާތުން ކުޅުދުށްފުށި ސިޓީގައި ކުރިއަށްގެންދާ ‘ލާމަރުކަޒީ ގުޅުން – ކައުންސިލަރުންގެ ކޮންފަރެންސް، ފެށުމުގެ ރަސްމިއްޔާތުގައި އިއްޔެ ބައެއް ބޭފުޅުން ވަނީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައެވެ.
އެގޮތުން ކުރީގެ ރައީސް އަދި އެމްޑީޕީގެ އެޑްވައިޒަރު އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވީ މުޅި ލާމަރުކަޒީ ނިޒާމު ފުނޑާލުމުގެ މަސައްކަތް ސަރުކާރުން މިހާރު ފަށާފައިވާ ކަމަށާއި، އެޓޯލްސް މިނިސްޓްރީގެ ނަމުގައި މިނިސްޓްރީއެއް ވެސް އުފައްދައިފި ކަމަށެވެ. އަދި ފުރަތަމަ ދުވަހުން ފެށިގެން ބާރުތައް ޖަމާކުރުމުގެ މަސައްކަތް ދަނީ ކުރިއަށް ކަމަށާއި، ޕީޕީއެމް، ޕީއެންސީއިން ވެރިކަމާ ހަވާލުވާ ކޮންމެ ފަހަރަކު ލާމަރުކަޒީ ނިޒާމު ފުނޑާލުމުގެ މަސައްކަތް ކުރިއަށްގެންދާ ކަމަށެވެ.
މީގެއިތުރުން އެމްޑީޕީގެ ރައީސް ޝާހިދު ވިދާޅުވީ މި ސަރުކާރުގެ އެންމެ މައިގަނޑު އެއް ފަލްސަފާއަކީ ކައުންސިލަރުންގެ އަގު ވައްޓާލުން ކަމަށާއި، މި ސަރުކާރުން ބޭނުންވަނީ ކައުންސިލަރުންނަކީ ނެތް ބައެއް ކަމުގައި އަދި ރައްޔިތުންގެ އިތުބާރު ނެތް ބައެއް ކަމުގައި ދައްކަމުން ދިޔުން ކަމަށެވެ.
މިކަމަށް ރައްދު ދެއްވައި ސަރުކާރުގެ މެންބަރު ޝުޖާއު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމްޑީޕީއަށް ލާމަރުކަޒީ ނިޒާމުގެ ވާހަކަ ނުދެއްކޭނެ ކަމަށެވެ.
އެ ޕާޓީއަކީ މި ނިޒާމު ހަރުދަނާ ކުރުމުގެ ނަމުގައި ގާނޫނު އިސްލާހުކޮށް ބޮޑެތި ބާރުތަކެއް ގާނޫނުގައި ލިޔެ، ރައްޔިތުން 2021 ވަނަ އަހަރު އެމްޑީޕީއަށް ނޫނެކޭ ބުނުމުން ނިޒާމު ފުނޑު ފުނޑުކޮށް މައި ސަރުކާރުގެ ޖީބަށް ބާރުތައް ލީ ޕާޓީކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ.
މި ސަރުކާރުން ލާމަރުކަޒީ ނިޒާމު ފުނޑާލަން މަސައްކަތް ކުރާ ކަމަށް ބުނާއިރު، ‘ލާމަރުކަޒީ ގުޅުން – ކައުންސިލަރުންގެ ކޮންފަރެންސް، ގައި ވާހަކަފުޅު ދައްކަވަމުން މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ މާލެ ސިޓީ ކައުންސިލު ހިންގުމުގައި މި ސަރުކާރުގެ ފަރާތުން މިހާތަނަށް އެއްވެސް ދައްޗެއް ކުރިމަތިނުވާ ކަމަށެވެ. އަދި ކުރަން ބޭނުންވި ކަންކަން ހަމަޖެހުނު ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

