މޯލްޑިވްސް ޑިވެލޮޕްމަންޓް ބޭންކަށް ބޭނުންވާ ލައިސަންސް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ދޫކޮށްފިއެވެ. މި ލައިސަންސް ދޫކުރުމުގެ ރަސްމިއްޔާތު ބޭއްވުނީ އެމްއެމްއޭގައެވެ.
އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު ވަނީ މި ލައިސަންސް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާ ހަވާލުކޮށްދެއްވާފައެވެ. މި ބޭންކަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެއް ފުއްދުމުގެ ގޮތުން މި އަހަރުގެ މެއި 16 ވަނަ ދުވަހު އުފައްދާފައިވާ ބޭންކެކެވެ.
ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑްގެ ޗެއާޕާސަންގެ މަގާމަށް އަރޫނީ ގޫނަތިލަކަ އަދި ސީއީއޯގެ މަގާމަށް ނޮއެލް ގްރެގާ ޕެޓާސަން-ޖޯންސް ވަނީ އައްޔަން ކުރައްވާފައެވެ. މި ދެ ބޭފުޅުންނަކީވެސް ބައިނަލްއަޤްވާމީ ފެންވަރުގައި މި ދާއިރާއިން ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅުންނެވެ.
ސަރުކާރުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި ބޭންކުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ، ހަކަތައިގެ ދާއިރާ އަދި ބިނާވެށީގެ ދާއިރާގެ އިތުރުން ތަރައްޤީގެ އެހެނިހެން ދާއިރާތަކުގައި އިންވެސްޓްކުރާ ފަރާތްތަކަށް ހަބެއްގެ ގޮތުގައި ޚިދުމަތް ފޯރުކޮށްދިނުމެވެ. މީގެ އިތުރުން، ޕީއެސްއައިޕީ މަޝްރޫޢުތަކަށް ފައިނޭންސް ކުރުމުގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރުމާއި، ރާއްޖޭގެ ބޭންކިންގ ނިޒާމުގައި ބޭރު ފައިސާ ބެހެއްޓުމުގެ ޝައުޤުވެރިކަން އިތުރުކުރުމަކީވެސް މި ބޭންކުގެ މުހިންމު މަޤްޞަދުތަކެވެ.
ސަރުކާރުގެ އަމާޒަކީ މި އަހަރުގެ ތެރޭގައި މި ބޭންކު ހުޅުވައި ޚިދުމަތް ދޭން ފެށުމެވެ. މި ބޭންކު ހުޅުވުމުން ރާއްޖޭގެ އިޤްތިޞާދަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް ސަރުކާރުން އުންމީދު ކުރައްވައެވެ.

