މިއަހަރުގެ ދެވަނަ ކުއާޓާއާ ހަމައަށް ފަތުރުވެރިކަމުގެ ދާއިރާއިން ޖީއެސްޓީއާއި، ގްރީން ޓެކްސް ނުދައްކާ 166 ފަރާތެއްގެ ނަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކޮށްފިއެވެ.
މީރާއިން ބުނީ ނަން އާންމުކުރި ފަރާތްތަކަކީ މިއަހަރުގެ ދެވަނަ ކުއާޓާއާ ހަމައަށް ފަތުރުވެރިކަމުގެ ދާއިރާއިން ޖީއެސްޓީއާއި، ގްރީން ޓެކްސްގެ ގޮތުގައި 100,000 އަށްވުރެ އިތުރަށް ދައްކަންޖެހޭ ފަރާތްތައް ކަމަށެވެ.
އޭގެތެރޭގައި ރިސޯޓު ވިޔަފާރީގައި ނަން މަޝްހޫރު ކުންފުނިތައް ހިމެނެއެވެ.
މިދިޔަ ބުރާސްފަތި ދުވަހު އާންމުކުރި ލިސްޓުގައި ހިމެނޭ ކުންފުނިތަކުގެ ތެރޭގައި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު ޢަލީ ޝިޔާމްގެ އާއިލާއިން ހިންގާ ތްރީއޭ ކުންފުނީގެ ތިން ރިސޯޓު ކަމަށްވާ ފިލިތެޔޮ، ހޮނޑާފުށި، މެދުފުށި ހިމެނެއެވެ. އަދި ރީކޯ މޫސާ މަނިކުގެ ރަހާ ރިސޯޓު ހިމެނެއެވެ.
މީރާއިން ބުނީ ޓެކްސް ނުދައްކާ ފަރާތްތަކުގެ ނަން ހާމަކޮށްފައިވަނީ އެ ފަރާތްތަކުގެ ނަން ހާމަކުރުމުގެ ކުރިން ފައިސާ ދެއްކުމަށް ތަކުރާރުކޮށް ހަނދާންކޮށްދީ، ނޯޓިސްތައް ފޮނުވައި އިތުރު މުހުލަތުތައް ދިނުމަށްފަހު ކަމަށެވެ.
އެގޮތުން ވޭތުވެދިޔަ 3 މަސްތެރޭގައި 44,390 އެސްއެމްއެސްއާއި، 22,761 ފޯނު ކޯލާއި، 30,550 ނޯޓިސް ޓެކްސް ދައްކާ ފަރާތްތަކަށް ފޮނުވާފައިވާ ކަމަށާއި، 397 ފަރާތަކަށް އިންސްޓޯލްމަންޓް ޕްލޭންތަކުގެ ދަށުން ބަހާލައިގެން ފައިސާ ދެއްކޭނެ ލުއި ގޮތްތައް ހަމަޖައްސައިދީފައިވާ ކަމަށް މީރާއިން ބުންޏެވެ.

