ގއ. މާމެންދޫ، ބީޗްވިލާ، ވިފާގް އިބްރާހިމް އަދުނާނު ދިޔައީ ނަފުސާނީ ބައްޔަށް ބޭސް ކުރަމުން ކަމަށާއި، ނަމަވެސް ޖިންސީ ގޯނާ ލިބިފައިވާ ކަމުގެ އެއްވެސް ހެއްކެއް މިހާތަނަށް ފާހަގަކުރެވިފައި ނުވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
މިއަހަރުގެ އޮގަސްޓް 14 ގައި ހަސޯވާ ބިލްޑިންގުން ވެއްޓި މަރުވި ވިފާގުގެ މަރާ ގުޅޭގޮތުން ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވަނީ މި މަޢުލޫމާތު ހާމަކުރައްވާފައެވެ.
ޝިފާއު ވިދާޅުވީ ވިފާގުގެ ސިއްހީ ލިޔެކިޔުންތަކުންނާއި ނަފްސާނީ ބައްޔަށް ބޭސްކުރި އިރުގެ ލިޔުންތަކުން އޭނާއަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމުގެ ހެއްކެއް ލިބިފައިނުވާ ކަމަށެވެ.
ޝިފާއު ދެއްވި މަޢުލޫމާތުގައިވާ ގޮތުން، ވިފާގު 2016 އިން ފެށިގެން ނަފްސާނީ ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދެވިއެވެ. މި ފަރުވާ ފެށިފައިވަނީ އޭނާ ސްކޫލުގައި ކިޔަވަމުންދިޔަ ދުވަސްވަރުގައެވެ. އޭނާއަށް ވަނީ ޕާސަނަލިޓީ ޑިސްއޯޑަރގެ ބޯޑަލައިން ޓައިޕް ޑައިގްނޯސް ކުރެވި، އެ ހާލަތަށް ފަރުވާ ހޯއްދަވާފައެވެ.
"ވިފާގު އިނގިރޭސިވިލާތުގައި ކިޔެވުމަށް ހުންނެވި މުއްދަތުގައިވެސް ފަރުވާއާއި ތެރަޕީ ހޯއްދަވަމުން ގެންދެވި.. ނަމަވެސް، އެ ދުވަސްވަރު އަމިއްލަ ނަފްސަށް ގެއްލުން ދިނުމަށް މަސައްކަތް ކުރެއްވުމާ ގުޅިގެން، އޭނާގެ ބައްޕަ ވަނީ އަނބުރާ ރާއްޖެ ގެންނަވާފައި،" ޝިފާއު ވިދާޅުވިއެވެ.
އިނގިރޭސި ވިލާތުން ރާއްޖެ ގެނެސް، އައި.ޖީ.އެމް.އެޗް އިން ފަރުވާ ހޯދަ އިންޑިޔާ އިން ވެސް ވަނީ ފަރުވާ ހޯދާފައެވެ. އަދި، އެންމެފަހުން ފަރުވާ ހޯދި ފެސިލިޓީ އިން ޑޮކްޓަރުން ގެ ލަފަޔާ ހިލާފަށް އަނބުރާ މާލެ ގެނައީ ވިފާޤް ގެ ބައްޕައެވެ. މާލޭގަ ކުޑަ ދުވަސްކޮޅެއް ބައްޕަ ކައިރީ ހުރުމަށް ފަހު މަންމަ ކައިރިޔަށް ބަދަލު ވިއެވެ. އޭރުން ފެށިގެން އަލުން ވިފާޤް ގެ ހުރިހާ ކަމެއް ބެލުމާއި ބޭނުންވާ ފަރުވާ ހޯދުމަށް، މަސައްކަތް ކުރުމާއި ހަރަދު ކުރަމުން އައީ މަންމަ އަދި ދޮން ބައްޕައެވެ.
ރާއްޖެ އައުމަށްފަހު، ވިފާގު ވަނީ ހުޅުމާލެ ހޮސްޕިޓަލުންނާއި އެހެނިހެން ތަންތަނުން ވެސް ނަފްސާނީ ފަރުވާއާއި ތެރަޕީ ހޯއްދަވާފައެވެ. އޭނާ ދިރިއުޅުއްވީ މަންމައާއި ދޮންބައްޕައާ އެކުގައެވެ. ޝިފާއު ފާހަގަކުރެއްވި ގޮތުގައި، ވިފާގުގެ ކޮޓަރިން ނަފްސާނީ ބައްޔަށް ބޭނުންކުރާ ބޭސްތައް ފެނިފައިވެއެވެ.
ވިފާގުގެ މަރާ ގުޅިގެން ޝައްކު ކުރެވޭ އިތުރު ކަމެއް ފާހަގަ ކުރެވިފައިނުވާކަން ފާހަގަ ކުރެެއްވުމާއެކު ޝިފާއު ވިދާޅުވީ މި މައްސަލައިގައި ޝައްކު ކުރެވޭ ފަރާތެއް ވެސް ފާހަގަ ކުރެވިފައިނުވާ ކަމަށެވެ.

