ވަޒީރުންގެ މަޖިލީހަށް ބަދަލުތަކެއް ގެންނަވައި، ތިން ވުޒާރާއެއްގެ ވަޒީރުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އައްޔަން ކުރެއްވި ބޭފުޅުންނަށް ރުހުން ހޯދުމާގުޅޭ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ކަމާގުޅޭ ކޮމިޓީއަށް ފޮނުވައިފިއެވެ.
މިއަދު ފެށި މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައި ވަނީ ވަޒީރުންނަށް ރުހުން ހޯދުމަށްޓަކައި ރައީސް ޑރ. މުޢިއްޒު ފޮނުއްވި ސިޓީ އިއްވައިފައެވެ.
އެ ސިޓީގައި ރައީސް ވިދާޅުވެފައިވަނީ މިދިޔަ ސެޕްޓެމްބަރު 30 ގައި އެމަނިކުފާނު ވަޒީރުކަމަށް އައްޔަންކުރެއްވި ތިން ބޭފުޅުންގެ ނަންފުޅު، ގާނޫނުއަސާސީގައިވާ ގޮތުގެ މަތިން މަޖިލީހަށް ހުށަހަޅުއްވާ ކަމަށެވެ.
މިދިޔަ މަހު 30 ގައި ވަޒީރުންގެ މަޖިލީހަށް ގެންނެވި ބަދަލުތަކަށް ބަލާއިރު، މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ މަގާމަށް ޑޮކްޓަރ ޢަބްދުﷲ ޚަލީލް، މިނިސްޓަރ އޮފް ފިނޭންސްގެ މަގާމަށް މޫސާ ޒަމީރު އަދި މިނިސްޓަރ އޮފް ހެލްތްގެ މަގާމަށް ޢަބްދުﷲ ނާޡިމް އިބްރާހީމް ވަނީ އައްޔަން ކުރައްވާފައެވެ.
ެމިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ މަގާމަށް އައްޔަންކުރެއްވި ޑޮކްޓަރ ޢަބްދުﷲ ޚަލީލް އޭގެ ކުރިން ހުންނެވީ މިނިސްޓަރ އޮފް ހެލްތްގެ މަގާމުގައެވެ. މިނިސްޓަރ އޮފް ފިނޭންސްގެ މަގާމަށް އައްޔަންކުރެއްވި މޫސާ ޒަމީރު ކުރިން ހުންނެވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ މަގާމުގައެވެ. އަދި މިނިސްޓަރ އޮފް ހެލްތްގެ މަގާމަށް އައްޔަންކުރެއްވި ޢަބްދުﷲ ނާޡިމް އިބްރާހީމް އޭގެ ކުރިން ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީގެ މަގާމުގައެވެ.
މިއަދުގެ ޖަލްސާގައި ރައީސްގެ ސިޓީ އިއްވެވުމާއެކު ރިޔާސަތުން ވަނީ އެ މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުއްވިކަން އިއުލާނުކުރައްވާފައެވެ.

