މާލޭގައި ކެފޭ އުސޫލުން މަސްތުވާތަކެތި ވިއްކާ ތަނަކުން ދިވެހި ދެ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ 28 އަހަރުގެ މީހަކާއި، 35 އަހަރުގެ މީހެކެވެ. އެ ދެ މީހުންނަކީ ވެސް މާލެއަށް ނިސްބަތްވާ ދެ މީހުންނެވެ.
އެ ދެ މީހުން 7 ދުވަހަށް ބަންދުކުރަން އަމުރުކޮށް، ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު އަމުރުގައި ބުނީ އެ ދެ މީހުން ހައްޔަރުކުރީ ކެފޭ އުސޫލުން މަސްތުވާތަކެތި ވިއްކާ ތަނަކުން ކަމަށެވެ.
ކޯޓު އަމުރުގައި ބުނީ އެ ތަނުގެ ތެރެއިން މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ. އަދި އެ މީހުންގެ ކުޑަކަމުދާތަކެތި ޓެސްޓުކުރިއިރު، މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
މާލޭގައި ކެފޭ އުސޫލުން މަސްތުވާތަކެތި ވިއްކާ ތަންތަން ގިނަވުމާ ގުޅިގެން އެ މައްސަލަ ހައްލުކުރަން ފުލުހުންގެ ޚިދުމަތުން މީގެކުރިން ހިންގި އޮޕަރޭޝަނެއްގައި އެފަދަ 50 އަށްވުރެ ގިނަ ތަނެއް ފާހަގަކުރެވިފައިވެއެވެ.

