ހައުސިންގ ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލޭ ފޭސް 2 ގެ ސްޓެލްކޯ ފުލެޓް ސަރަހައްދުގައި ދުވާރު ހެދުމުގެ މަސައްކަތް ފަށައިފިއެވެ.
އެޗްޑީސީއިން މިއަދު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ ހުޅުމާލޭ ފޭސް 2 ގެ ސްޓެލްކޯ ފުލެޓު ސަރަހައްދުގައި ދުވާރު ހެދުމުގެ މަސައްކަތް އެ ކޯޕަރޭޝަންގެ ޓީމުން ކުރަމުންދާ ކަމަށެވެ.
ހުޅުމާލެއަކީ ހިތްފަސޭހަ ތަނަކަށް ހެދުމަށް ކުރަމުންދާ މި މަސައްކަތް ނިމޭނެ ދުވަހެއް އެޗްޑީސީއިން ހާމަކޮށްފައެއް ނުވެއެވެ.

ހުޅުމާލޭ ފޭސް 2 ގެ ސްޓެލްކޯ ފުލެޓު ސަރަހައްދުގައި ދުވާރު ހެދުމުގެ މަސައްކަތް ކުރިއަށްދަނީ. ފޮޓޯ: އެޗްޑީސީ
ހުޅުމާލެއަކީ ހިތްފަސޭހަ އަދި ރައްކާތެރި ތަނަކަށް ހެދުމަށް އެޗްޑީސީއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ެއެ މަސައްކަތުގެ ތެރެއިން، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިތިގަސް މަގުގެ ތާރު މަރާމާތު ކުރުމުގެ މަސައްކަތާއި، ދެވަނަ ފިޔަވަހީގެ ނިރޮޅުމަގުގައި މާގަސް އިންދުމުގެ މަސައްކަތާއި، ބޯށިމާ ހިނގުމުގައި އިތުރު މަގުބައްތިތައް ހަރުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އަދި ހުޅުމާލޭގެ ޓްރެފިކް ފްލޯ ބަދަލު ކުރުމަށްޓަކައި ރީތިގަސްމަގާއި ސައިމާ ހިނގުން ގުޅޭ ސަރަހައްދުގައި ރައުންޑުބައުޓްގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.

