އައިޖީއެމްއެޗްގައި މަސައްކަތްކުރާ މާބަނޑު އަންހެނުންނަށާއި ޅަދަރިމައިންނަށް ޑިއުޓީކުރުމުގައި ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމާ ގުޅޭ އުސޫލަށް ބަދަލު ގެނައުމުން އަމާޒުވި ފާޑކިޔުންތަކާއެކު ކުރިން އޮތް ގޮތަށް އުސޫލު ބަދަލުކޮށްފިއެވެ.
އައިޖީއެމްއެޗުން މިހެން ބުނީ ”މާބަނޑު އަންހެނުންނަށާއި ޅަދަރިމައިންނަށް ފްލެކްސިބަލް ޑިއުޓީ ހަމަޖައްސައިދިނުން ހުއްޓާލުމާ ގުޅޭ” މި މައުޟޫއުގެ ދަށުން އެ ހޮސްޕިޓަލުން ނެރެފައިވާ އިންޓަރނަލް މެމޯއާ ބެހޭގޮތުން އުފެދިފައިވާ ނުތަނަވަސްކަމާ ގުޅޭގޮތުން މިއަދު ނެރުނު ނޫސް ބަޔާނެއްގައެވެ.
އައިޖީއެމްއެޗުން ބުނީ ހަވާލާދީފައިވާ މެމޯގައި ފްލެކްސިބަލްކޮށް މަސައްކަތް ކުރުން އެއްކޮށް ހުއްޓާލެވިފައިވާ ކަމަށް ދޭހަވާފަދަ ގޮތަކަށް އިބާރާތް ކުރެވިފައިވީ ނަމަވެސް، މާބަނޑު މީހުންނަށް މިހާރު ވެސް ދެމުންގެންދާ ލުއިތަކަށް އެއްވެސް ބަދަލެއް ގެނެވިފައިނުވާނެ ކަމަށެވެ. އަދި އެ ހޮސްޕިޓަލަކީ 24 ގަޑިއިރު ޚިދުމަތްދޭންޖެހޭ ސަރުކާރުގެ މައި ހޮސްޕިޓަލަށްވެފައި، ޝިފްޓް ޑިއުޓީގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތު ގަޑި ފްލެކްސިބަލް ޑިއުޓީގެ ގޮތުގައި ކުރު ކުރުމުން ހޮސްޕިޓަލުން ޚިދުމަތް ހޯދާ ބަލިމީހުންނަށް އެކަށީގެންވާ ގޮތެއްގައި ޚިދުމަތް ދިނުމަށް ދަތިވާނެތީ، މެނޭޖުމަންޓުން އުސޫލަށް ބަދަލު ގެނެސްފައިވަނީ، ފްލެކްސިބަލް ޑިއުޓީ ދިގު މުއްދަތަކަށް ދޭ ދިނުމަށް ކޮންމެވެސް ވަރެއްގެ ހަރުދަނާކަމެއް ގެނައުމަށްޓަކައި ފްލެކްސިބަލް ޑިއުޓީ ބޭނުންވާ މުވައްޒަފުން ހުށަހަޅުއްވާ ހާލަތްތަކަށް ރިއާޔަތްކޮށް، އެ ހާލަތަކާ އެކަށީގެންވާ މުއްދަތަކަށް ފްލެކްސިބަލް ޑިއުޓީ ހަމަަޖައްސައިދިނުމަށް ކަމަށެވެ.
މީގެއިތުރުން ޅަދަރިމައިންނަށް މަސައްކަތް ކުރުމުގައި ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމުގެ ގޮތުން ޝިފްޓް ޑިއުޓީތަކުގައި ލުއިވާނެ ގޮތަށް ޝިފްޓް ހަމަޖެއްސުމާއި (މިސާލަކަށް ނައިޓް ޑިއުޓީ ނުހެދުން) މަަސައްކަތް ލުއި ޑިޕާޓްމަންޓްތަކަށް ވަގުތީ ގޮތުން ބަދަލުވުމަށް އެދޭ ޅަދަރިމައިންނަށް މަސައްކަތަށް ދަތިނުވާނެހެން މި ބަދަލުތައް މިހާރު ވެސް ގެންނަމުންދާ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.
ނަމަވެސް މެނޭޖްމަންޓުން މި ގެނައި ބަދަލުގެ ސަބަބުން ހޮސްޕިޓަލުގައި މަސައްކަތްކުރާ ގިނަ މުވައްޒަފުންގެ ކަންބޮޑުވުންތައް ހުރިކަމަށް މެނޭޖްމަންޓާ ހިއްސާކޮށްފައިވާތީ އެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް މި އުސޫލު ކުރިންވެސް އޮތް ގޮތަށް ބަދަލުކުރުމަށް މެނޭޖްމަންޓުން ނިންމާަފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

