ރައްޔިތުންގެ މަޖިލީހުގެ ފ.އަތޮޅު މެންބަރުކަން ކުރެއްވި ޢަބްދުލްޣަފޫރު އިބްރާހިމް މިއަދު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
ތައުޒިޔާ ވިދާޅުވެ، ރައީސް ޑރ. މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ދިވެހި ދައުލަތަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދި ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެންބަރުކަން ވެސް ކުރައްވާފައިވާ، ޢަބްދުލްޣަފޫރު އަވަހާރަވި ޚަބަރު އަޑުއެއްސެވީ ފުން ހިތާމައާއެކުކަން ފާހަގަކުރައްވައިފައެވެ.
ރައީސްގެ ޕޯސްޓުގައި ވަނީ ޢަބްދުލްޣަފޫރުގެ އާއިލާއަށް ކެތްތެރިކަން މިންވަރުކުރެއްވުމަށާއި، ސުވަރުގޭގެ ދާއިމީ ނިއުމަތުގަައި ރުއްސެވުމާ ފުއްސެވުމުގައި އެ މަރުހޫމް ލެހެއްޓެވުމަށް އެދި ދުއާ ދަންނަވައިފައެވެ.
ޢަބްދުލްޣަފޫރު އަވަހާރަވީ މިއަދުގެ ވަގުތެއްގައި އިންޑިއާގައެވެ. އަވަހާރަވިއިރު އޭނާ ގެންދެވީ ސްޓްރޯކެއް ޖެހިގެން އެކަމަށް ފަރުވާ ހޯއްދަވަމުންނެވެ.
ޢަބްދުލްޣަފޫރު ފ.އަތޮޅު މެންބަރުކަން ކުރެއްވީ 27 ފެބްރުއަރީ 2005 އިން 27 މެއި 2009 ގެ ނިޔަލަށެވެ.

