ރާއްޖޭގައި ވޭޕް ބޭނުންކުރުން މަނާކުރުމަށް ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް މި ހަފުތާގައި ރައްޔިތުންގެ މަޖިލީހަށް ފޮނުވަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައި ބަންޑާރަނައިބު އަޙްމަދު އުޝާމް މިރޭ ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ރާއްޖެއަށް އެތެރުކުރުން އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން މަނާ ކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް މިހާރު އަންގަވާފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭ ބެހުން އަންނަ ޑިސެމްބަރު 15 ވަނަ ދުވަހުން ފެށިގެން މަނާކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އުޝާމް ވަނީ ރައީސްގެ މި ނިންމެވުމަކީ ޅަދަރިންނާއި ޒުވާނުން އަދި ގައުމުގެ ހުރިހާ ރައްޔިތުންގެ ހައްގުގައި ނިންމެވި ނިންމެވުމެއްކަން ފާހަގަކުރައްވައި، މަރުހަބާ ދަންނަވައިފައެވެ.
ރައީސްގެ ނިންމެވުން ތަންފީޒު ކުރުމަށްޓަކައި ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް މި ހަފުތާގެ ތެރޭގައި މަޖިލީހަށް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވެސް އުޝާމް ވިދާޅުވިއެވެ.
އެގޮތުން ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ގާނޫނާއި ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް ހުށަހެޅުމަށް ވާނީ ނިންމާފައި.
ވޭޕަކީ ސިއްހަތަށް ނުހަނު ގެއްލުން ހުރި އެއްޗެކަށްވާއިރު، ވޭޕް ކާޓްރިޖްގެ ތެރެއަށް ޑްރަގްގެ ބާވަތްތައް އަޅައިގެން ވެސް ބޭނުންކުރެއެވެ.
ސްކޫލުތަކުގެ ދަރިވަރުންގެ މެދުގައި ވޭޕް ބޭނުންކުރުން މިހާރު ވަނީ ވަރަށް ބޮޑަށް އާންމުވެފައެވެ. މިކަން ގައުމީ ބޮޑު މައްސަލައަކަށްވެފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

