ރާއްޖޭގައި ވޭޕް މަނާކުރަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމަކީ ގައުމުގެ މުސްތަގުބަލަށް ނުހަނު ބޭނުންތެރި ނިންމެވުމެއް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ މިރޭ ވިދާޅުވެއްޖެއެވެ.
ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން 15 ނޮވެމްބަރުން ފެށިގެން މަނާ ކުރުމަށާއި، ރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި، ހިލޭބެހުން 15 ޑިސެމްބަރުން ފެށިގެން މަނާކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް ރައީސް ޑރ. މުޢިއްޒު މިހާރު ވަނީ އަންގަވާފައެވެ.
ރައީސްގެ މި ނިންމެވުމާ ގުޅިގެން ޢަބްދުއްރަޙީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މަރުހަބާއާއި ތަހުނިޔާ ދަންނަވައިފައެވެ.
ޢަބްދުއްރަޙީމް ވިދާޅުވީ ވޭޕުގެ ނުރައްކަލުން ދިވެހި ގައުމު ސަލާމަތް ކުރެއްވުމުގެ މަތިވެރި މަގުސަދުގައި ރައީސް މިއަދު ނިންމެވީ ވަރުގަދަ ނިންމެވުމެއް ކަމަށެވެ.
މި ނިންމެވުމަކީ މި ގައުމުގެ މާދަމާގެ މުސްތަގުބަލަށްޓަކައި ނިންމެވި ނުހަނު ބޭނުންތެރި ނިންމެވުމެއްކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
ރައީސްގެ ނިންމެވުން ތަންފީޒު ކުރުމަށްޓަކައި ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް މި ހަފުތާގެ ތެރޭގައި މަޖިލީހަށް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވެސް ބަންޑާރަނައިބު އަޙްމަދު އުޝާމް ވަނީ ވިދާޅުވެފައެވެ.
އެގޮތުން ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ގާނޫނާއި ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވާކަން ވެސް ބަންޑާރަނައިބު މިރޭ ހާމަކުރެއްވިއެވެ.

