ދިވެހިރާއްޖޭގައި ވޭޕް މަނާކުރަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުން ތަންފީޒުކުރުމަށް ވިޔަފާރިތަކުންނާއި، ރައްޔިތުން އެއްބާރުލުން ދިނުމަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މިރޭ އިލްތިމާސްކޮށްފިއެވެ.
ޕީއެންސީއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޒުވާނުންނާއި ކުޑަކުދިންގެ މެދުގައި މަސްތުވާތަކެތި ފެތުރުމަށް މިހާރަކަށް އައިސް ބޭނުންކުރަމުންދާ ވޭޕާއި، އެއާ ގުޅުންހުރި އެކި ބައިތަކާއި ބާވަތްތަކުގެ ތަކެތި ރާއްޖެއަށް އެތެރެކުރުމާއި ބޭނުންކުރުމާއި އޭގެ ވިޔަފާރިކުރުން މަނާކުރައްވަން ރައީސް ނިންމެވީތީ އެ ޕާޓީގެ ނަމުގައި އެމަނިކުފާނަށް ޝުކުރު އަރިސްކުރުމާއެކު މަރުހަބާ ދަންނަވާ ކަމަށެވެ.
ޕީއެންސީއިން ބުނީ ވޭޕުގެ ސިއްހީ ނުރައްކާތަކުގެ އިތުރަށް ވޭޕު ޒުވާނުންނާއި ފުރާވަރުގެ ކުދިންގެ މެދުގައި ފެތުރެމުންދާއިރު، ވޭޕުގެ އެކި ބައިތައް ބޭނުންކޮށްގެން މަސްތުވާތަކެތި ކުޑަކުދިންނާއި، ޒުވާނުންގެ މެދުގައި ފަތުރަމުންދާކަން ކަމާ ބެހޭ އިދާރާތަކުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އެ ހަގީގަތްތަކުގެ އަލީގައި މާހިރުންނާއި މަދަނީ ޖަމްއިއްޔާތަކާއި ސިއްހީ މާހިރުން ވޭޕު މަނާކުރުމަށް ގޮވައިލައްވަމުންދާތާ އަހަރުތަކެއްވެފައިވާއިރު މިހާތަނަށް މިކަމުގައި ފާއިތުވި ސަރުކާރުތަކަށް އޮތީ ފިޔަވަޅެއް ނޭޅިކަން ވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އެހެންކަމުން އެތަކެތި ރާއްޖެ އެތެރެކުރުމާއި، ބޭނުންކުރުމާއި، ވިއްކުމާއި، އެތަކެތީގެ ވިޔަފާރިކުރުމާއި ހިލޭ ބެހުން މަނާކުރެއްވުމަށް ނިންމެވުމަކީ ދިވެހި ކުޑަކުދިންނާއި ޒުވާނުންގެ ހައްގުގައި ނިންމެވި ވަރަށް ހަރުދަނާ ނިންމެވުމެއް ކަމަށް ޕީއެންސީއިން ބުންޏެވެ. އަދި އެއީ އަންނާން އޮތް ދިވެހި ޖީލުތައް ހިމާޔަތްކުރެއްވުމަށް އެޅުއްވި ހަރުދަނާ ފިޔަވަޅެއްކަމުގައި އެ ޕާޓީން ގަބޫލުކުރާ ކަމަށް ވެސް ޕީއެންސީއިން ބުންޏެވެ.
ރައީސްގެ އެ ނިންމެވުމަށް ފުރިހަމައަށް ތާއީދުކުރާ ހާލު ގައުމުގެ މުސްތަގުބަލަށްޓަކައި އެމަނިކުފާނު ނިންމެވި ނިންމެވުން ތަންފީޒުކުރުމުގައި އެންމެހާ އިދާރާތަކާއި ވިޔަފާރިތަކާއި އާންމު ފަރުދުން އެއްބާރުލުން ދިނުމަށް އިލްތިމާސްކުރަމެވެ. ބަޔާނުގައި ވެއެވެ.
ރައީސް ޑރ. މުޢިއްޒު ކަމާބެހޭ ފަރާތްތަކަށް އަންގަވާފައިވަނީ ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ރާއްޖެއަށް އެތެރުކުރުން އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން މަނާ ކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށެވެ. އަދި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭ ބެހުން އަންނަ ޑިސެމްބަރު 15 ވަނަ ދުވަހުން ފެށިގެން މަނާކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށެވެ.

