ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ވޭޕް އޮއިލްގެ ނަމުގައި ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނެބިސް އަޅައިފައިވާ ޝިޕްމެންޓެއް މޯލްޑިވްްސް ކަސްޓަމްސް އިން އަތުލައިގަނެފިއެވެ.
މިނިސްޓަ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހުސާން، ވިދާޅުވީ ގިނަ އަދަދެއްގެ ވޭޕް ރާއްޖެ އަށް އެތެރެކުރެވޭއިރު، މަސްތަުވާތަކެތީގެ ބާވަތްތައް އަޅާފައިވާ ތަކެތިވެސް ރާއްޖެ އަށް މީގެ ކުރިން އެތެރެވެފައިވާ ކަަށާއި، އަދި ސުކޫލު ކުދިންނަށްވެސް އެފަދަ ތަކެތި އޮޅުވާލައިގެން ދީފައިވާ ކަން ފާހަގަކުރެވޭ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވީ، ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން ވެސް މަނާ ކޮށްފައިވާ ކަމަށެެވެ.
ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން 15 ޑިސެމްބަރ 2024 އިން ފެށިގެން މަނާކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގާފައިވާ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވިއެވެ.
ރައީސް މިފަދަ ނިންމުމެއް ނިންމާފައިވަނީ ރާއްޖޭގައި ވޭޕާއި ދުންފަތުގެ ބާވަތްތައް މަނާކުރުމަށް ރާއްޖޭގެ ޑޮކްޓަރުންގެ ޖަމްޢިއްޔާ، މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަނުން ގޮވާލައިފައި ވަނިކޮށެވެ.
އެ ޖަމްޢިއްޔާއިން ބުނީ، ރާއްޖެއާއި ދުނިޔޭގައިވެސް މިހާރު ކުރިމަތިލާން ޖެހިފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ގައިންގަޔަށް ނާރާ ބަލިތައް ކަމަށެވެ. އޭގެ ތެރެއިން އެތައް ބައްޔަކަށް ދުންފަތާއި ދުންފަތުގެ ބާވަތްތަކުން ސިއްޙީ އެކި މައްސަލަތައް މަގުފަހިކުރާކަމަށް ދިރާސަތަކުން ދައްކާ، ކަމަށް ފާހަގަކުރެވޭ ކަމަށެވެ.

