ރާއްޖޭގައި ވޭޕް މަނާކުރަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމި ނިންމެވުން ތަންފީޒުކުރުމަށް އެ މުއައްސަސާއިން ވާންޖެހޭ ތައްޔާރީތައް ވަމުންދާނެކަމަށް ކަސްޓަމްސްއިން ރޭ ބުނެފިއެވެ.
ރާއްޖޭގައި ވޭޕް މަނާކުރަން ނިންމެވިކަން އިއުލާނުކުރެއްވީ ރައީސް ޑރ. މުޢިއްޒު އިއްޔެ ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ޑރ. މުޢިއްޒު ވިދާޅުވީ ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ރާއްޖެއަށް އެތެރުކުރުން އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން މަނާ ކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށާއި، ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭ ބެހުން އަންނަ ޑިސެމްބަރު 15 ވަނަ ދުވަހުން ފެށިގެން މަނާކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައިވާ ކަމަށެވެ.
އެގޮތުން ކަސްޓަމްސްއިން ބުނީ ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުން ތަންފީޒުކުރުމަށްޓަކައި ކަސްޓަމްސްއިން ހަމަޖައްސަންޖެހޭ އިންތިޒާމްތައް ހަމަޖެއްސުމާއި އަދި ވާންޖެހޭ ތައްޔާރީތައްވުމުގެ ކަންކަން ކުރިޔަށް ގެންދާނެ ކަމަށެވެ.
ރައީސްގެ ނިންމެވުން ތަންފީޒު ކުރުމަށްޓަކައި ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް މި ހަފުތާގެ ތެރޭގައި މަޖިލީހަށް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އެޓާނީ ޖެނެރަލް އަޙްމަދު އުޝާމް ވެސް ވަނީ ވިދާޅުވެފައެވެ.
އުޝާމް ވިދާޅުވީ ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ގާނޫނާއި ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް ހުށަހެޅުމަށް ނިންމަވާފައިވާ ކަމަށެވެ.

